(Size: 7.45" × 11.8") -- 1353ހ ރަބީލްއަށްވަލް 13(1934މ ޖޫނު 25)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ ތިލަދުންމަތި ދިއްދޫ އަދި އުތީމުގެ މީހުންގެ މައްސަލައެއް ހުށައެޅުމުން، އެރަދުންގެ ދަރުބާރަށް 1339ހ(1921މ) ދިއްދޫ ރައްޔިތުން ހާޒިރުވެ އެރަށް އެނދިއިރު އެރަށުގެ ފަތްތައް އަނދައިގެން، އާކޮށްދެއްވާފާވާ ތިންފަތެއްގެ ވާހަކަޔާ (ފަތުގެ އެއް ފަޅީގެ ވަރަށް ބޮޑު ބައެއް އުނިވެފަ) .. ދިއްދޫގާ ހުރި ބޮޑުތަކުރުފާނު މިސްކިތު ބޯގައަށް ހއ. ދޮނަކުޅި އަދި އެރަށު ހުކުރު މިސްކިތުގެ ބޯގަޔަށް، ހއ. ނަރިދޫ ލެއްވި ކަމާއި، އަދި އުތީމު ގަނޑުވަރަށް އުތީމު މީހުން ބިންބައި ދެއްކުމުގެ ގޮތުން، މީހުންއުޅޭ ކޮންމެ ގެޔަކުން އަހަރަކު ބޮޑު ލާރިއެއް ދޭންވާނެކަމާ، މިފަދަ ކަންތައްތައް ބަޔާންކޮށް އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަންގެ ދަރި މާލޭ ފަތްލިޔާ މޫސަލް މަލިމް ލިޔެފާވާ ފަތެއް.(މިފަތް އޮތީ ކުދިކުދިވެފއެ...ކަރުދާސްކޮޅުތަށް އެއްކޮށްލައިގެން އިނގެން އޮތީވެސް މިވަރަށެ.)
H.A.Dhi'dhoo - Utheem - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހު ރަދުންނަށް ބަލާފާ)1352ހ(1933މ)، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާދަށުގާ(ދަރުބާރުގާ)، 1134ހ(1722މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ހއ.އުތީމު މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ، ކުރީގާ ފަޅަށްއޮތް، ހއ.ދިއްދޫގެ އެއިރުގެ ރައްޔިތުން؛ އެރަށް ބޯގަޔަކަށް އޮތުމުން، ދިރިއުޅެން ދަތިކަމުގާ ދެންނެވުމުން؛ އެކަމާ، މާލޭގެ އިލްމުވެރިންގެ ޖަމާއަތަކުން އެރަށަކީ ވަގުފެއް ނުވަތަ ބޯގަޔެއްތޯ ބެއްލެވުމަށް އަމުރުކުރެއްވުމުން، އެކަން ބެލިއިރު އެއީ ބޯގައެއް ކަމާ، އުތީމު މިސްކިތަށް، ދިއްދޫގެ ބަދަލުގާ އެހެން ރަށެއް ނުވަތަ އެހެން އެއްޗެއް، ދެއްވުމަކީ ސައްހަކަމެއް ކަމުގާ އިރުޝާދު ދިނުމުން، އެ މިސްކިތަށް ހުރި ބޯގައިގެ ތެރެއިން، ދިއްދޫ ނަގާ، އޭގެ ބަދަލުގާ، ހއ.މުލިދޫ ލަށްވާ، އެމިސްކިތުގެ ބޯގަޔަށް ވަނީ، އުތީމު ގޮއިފާލައްބައިގެ ވާރުދުރޯ، ހއ.ފަރިދޫ ގޮއިފާލައްބަ، ރަހުރާ(ރަލުން ނަގާ ޓެކްސް)، ކޮންމެ އަހަރަކު އަތޮޅުވެރިންގެ އަތުން 3 ތުޅު(1ފައުލާ، 28ރާތާ)ރޯނު އަދި އުތީމުން މަހަށް ދިޔަ ކޮންމެ އޮޑިޔަކުން މަސް ބައެއް ކަމާ، އަދި އެތަނުގެ ހަވާލުވެރިންނަކީ އުތީމުގެ ރައްޔިތުން ކަމާއި، އުތީމުގާ ކޮންމެ މީހަކު ގޮވާމެއް ކޮށް، ރުއް އިންދާ ހެދިޔަސް އެއެއްޗެތިން އެމިސްކިތުގެ ބެލެނިވެރިންނަށް ދޭންޖެހޭނެ ކަމާ، އަދި އުތީމު ރައްޔިތުން ބަންޑާރަ މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމާ، އުތީމު ގަނޑުވަރަކީ އެރަށު އެންމެންގެ މައްޗަށް އޮތް ތަނެއް ކަމާ، އައްސުލްތާނު އަލްގާޒީ މުހައްމަދު ތަކުރުފާނު (ސިރީ ސަވާދީއްތަ މަހާރަދުން)ނަށް ކޮންމެ އަހަރަކު ފާތިހާ ކިޔަވާ، އެރަދުންނަށް ދިޔަފުރަސޫތާވެ(އަށަގަނެ)އުފަން އައްސުލްތަނު އިބްރާހީމް އަށް، ވީވަރަކުން، ކޮންމެ ރަބީލްއައްވަލް މަހަކު ދުއާއެއް ކިޔާ، އިހުފަދައިން މާލޫދު ކިޔާ އަދި މި އެންމެހާ ކަންކަން ކުރުމަށް، އެއިރަކު މާލޭގެ ރަސްކަމުގާ އިންނެވި ރަސްކަލަކު، އުތީމު މީހަކާ ހަވާލުކުރައްވާ، އެމީހަކު އެކަން ކުރަންޖެހޭނެކަމާ، އެޔަށްފަހު އުތީމު މީހުން ދިއްދޫއަށް، ކުރީގާ ގޮސްއުޅުނުހެން ގޮސްގެންނުވާނެ ކަމާ، މިއެންމެހާ ކަންކަމުގެ އަމުރު ނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ފަތެއްލިޔުމަށް، ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު ފަރީދު ދީދީ އެންގެވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔުނު ފަތެއް. (Size: 19.25" × 12")
H.A.Utheem - Mosque in Utheemu - Endowment for Shrine (ziyaaraiy)
1332ހ ސަފަރު 24(1914މ ޖަނަވަރީ 21)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، އދ.ފެންފުށި ރައްޔިތުން، ބ.ހިބަޅިދޫ އެއީ، އެމީހުންގެ ރަށުގެ 2 މިސްކިތުގެ ބޯގައެއް ކަމާ، އެކަމަކު، ބ.މާޅޮހު މީހުން އެރަށް ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެކަމުގާ ބުނެ، އެކަން ބައްލަވާދެއްވުމަށް އެދުމުން؛ ފެންފުށި 2 މިސްކިތުގެ އަދި މާޅޮހު މިސްކިތުގެ ބޯގަ ފަތް ގެންނަވާ ބެއްލެވިއިރު، އެ ދެ ބޯގައިގާވެސް އެރަށް ހިމެނޭކަމާއި، މާތުރަ(ނަމަވެސް) ފެންފުށި ދެ މިސްކިތަށް ބޯގަ ލެއްވީ، އައްސުލްތާނު އަލްގާޒީ މުހައްމަދުލް އުތީމީ ބޮޑުތަކުރުފާނު ކަމާ، މާޅޮހު މިސްކިތަށް އެރަށް ބޯގަޔަށް ލަށްވާފާވާ ކަމުގާ އޮތީ، އިސްކަންދަރު ޝާހު މަހާރަދުން އެމިސްކިތަށް ދެއްވި ފަތް، އެތާ ފަރަންޖީން އުޅުނުއިރު، އެމީހުން ގެންގޮސްގެން، އެރަށު ރައްޔިތުން އައިސް އައްސުލްތާނު އަލްގާޒީ މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ ރަދުން)އާކޮށްފާވާ ފަތެއްގާ ކަމާއި، އެހެންވެ، އެދަރުބާރުގެ ބޮޑުންނާއި، ޝަރީއަތު މަޖިލީހުގެ ބޭފުޅުންނާއި މަޝްވަރާކުރައްވާ، ފެންފުށީ ބޯގަޔަށް އިސްކަން ދެއްވާ، ހިބަޅިދޫ، މާޅޮސް މިސްކިތު ބޯގައިން ކަނޑުއްވާ، މާޅޮސް މިސްކިތު ބޯގަ ފަތުގާވާ، ހިބަޅިދޫ ނޫން، އެންމެހާ ތަކެއްޗެއް އެއީ މާޅޮހު ގޮއިފާލައްބަ އާއި ....(ވީދިގޮސްފާ)..މެކުރެއްޖާއި ލަށްވާ، އެބޯގައިގެ ހަވާލުވެރިކަން އެރަށުގެ ރައްޔިތުންނަށް ލެއްވި ކަމާ، މިއެންމެހާ ކަންކަމަށް އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.(Size: 18.05" × 12")
A.Dh.Fenfushi - A.Dh.Fenfushi 2 Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1347ހ ސަފަރު 27(1928މ އޯގަސްޓް 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހދ. ނައިވާދޫ ރައްޔިތުން، އެރަށުގެ މާމިސްކިތް ބަލަހެއްޓޭނެ ގޮތެއް ހަށްދަވާދެއްވުމަށް އެދުމުން؛ އެރަށުގެ ފާލަށްބައިން ސަރުކާރަށް އޮންނަ އެއްޗެއްގެ 2/1، އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އެއްޗެތިން އެމިސްކިތުގެ އެންމެހާ ކަންކަން ކުރުމަށާ، އަދި އެބޯގައިގެ ތައުލީއްޔަމޫލަ ވެރިކަމުގެ ނާޒިރުކަން(ހަވާލުވެރިކަން) އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ލަށްވާ، އަދި އެއިރަކު ދިވެހި ރަސްކަމުގެ ތަހުތުގާ އިންނެވި ކޮންމެ ރަދުނަކުވެސް އެކަމަށް އިހުތިރާމް ކުރައްވަންވާނެ ކަމުގާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ(ބޮޑު، މައި)މާލޭ ޔޫސުފް ގެދަރި އަލީ ލިޔެފާވާ ފަތެއް
(Size: 15" × 9.95")
H.Dh.Naivaadhoo - Maa Miskiiy (Mosque)Endowment for Shrine (ziyaaraiy)
1346ހ ޖުމާދިލްއައްވަލް 22(1927ހ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެ ހުކުރު މިސްކިތުގެ ދޮށުން، 1066ހ(1656މ)ގާ، އިސްކަންދަރު އިބްރާހީމް، އާކުރައްވާ ބިނާކުރެއްވި އެ މިސްކިތުގެ ބޯގަފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިމުން؛ ކުރީގެ ފަތް ބައްލަވާ، އެމިސްކިތުގެ ބޯގަޔަށް ހުރީ، ތިލަދުންމަތިން: (ހއ.)ކެލާ މާމުދާގަނޑު، ވަށަފަރު، ކުނބުރުދޫ ރުއް، ނެއްލާދޫ، މާރަންދޫއިން 4/1، އިހަވަންދޫ، ހުވަރަފުށި، ހަތިފުށި، ބެރިންމަދޫ، ގާމަތިގަނޑު، މަނަފަރު، މެދަފުށި، އުލިގަމުގެ ކުޑަދޫ ކިޔާ ބިންގަނޑު، އަދި މިލަދުންމަޑުލު އިން: (ށ.)ފޭދޫއިން ހިންނައެއް، (ށ.)މަތި ކޮމަންޑޫ، (ނ.)ކެނދިކޮޅުން ހިންނައަކާ، (ނ.)މަނަދޫން ވާރު ރޯނުން 3 ބައި ރޯނު، މާޅޮސްމަޑުލުން: (ރ.)ވާދޫގެ ހުކުރު މިސްކިތުން ފަށައިގެން އުތުރަށް އޮތްތާ ބިމާ، (ރ.)އަނގޮޅިތީމުގެ 3/2، (ރ.)ރަސްމާދޫގެ 2/1، (ރ.)ވަންދޫ، (ރ.)މަހިދޫ، (ބ.)ފުޅަދޫގެ އިރުމަތީ ކޮޅު އަދި ފާދިއްޕޮޅުން: ދިއްދޫ، މައުމަގާ، މާލެ އަތޮޅުން ދޫނިދޫ، ޅޮހިމާފުށި (ޅޮހިފުށި އަދި މާފުށި)، އަރިއަތޮޅުން: މާފޮޅުދޫ (ބޮޑުފޮޅުދޫ)، (އދ.)ކުނބުރުދޫ، ދަނގެތި، ހީންފުށި(ހީންފަރު)، ވޭވަށް އިން 8ކޮއްޓެ، ނިލަންދެ އަތޮޅުއިން: ޅޮހި، ކޮޅުމަޑުލުން: ބުރުނިން ބޮލި ކޮއްޓޭއެއް، މާގުޅި، ހިކަނދި ޅޮހި، މަޑިފުށިން 2 ކޮއްޓޭ، ތިންކޮޅުފުށި(ކޮޅުފުށި)ން ބަމުފުހި ކިޔާ ތަނާ، ކަކޮޅަސް އިން ބިމަކާ، ކަނޑޫދޫއިން 3 ބިމާ،، ހައްދުންމަތީން: އިސްދޫކަލައިދޫ އިން 3 ބިން، ބަރެސްދޫ، ގަމުން 2 ބިން، ހުޅިމެންދޫ، މާފުށި، މާވަށު އަތްފޮޅު، ހަންހުށި އަދި ހުވަދޫއަތޮޅުން: (ގއ.)ކޮނޑޭ، (ގދ.)ކޮޑެރަޓަ، ދޮނުންރެހާ (ދޫނިރެހާ)، ރެއްދަފުށި(ގދ.ރެއްދަހުއްޓާ)، (ގދ.)ވާރެއާދުވާ، (ގދ.)ވާދޫއިން ބިމަކާ، މާތޮޑާއިން ބިމަކާއި، (ގދ.)ބޮލިމަތައިދޫ އާއި، ކަޅުފުށި(ގދ.ކަޅަހުއްޓާ)، ފުވައްމުލަކުން ބިމަކާ، ހުކުރުމިސްކިތުގެ ހުޅަނގުގާ އޮތް ގޯއްޗާއި އެތާގާވާހާ އެއްޗެތި ކަމާއި، އެބޯގައިގެ ހަވާލުވެރިންނަކީ، އެމިސްކިތް ބަލަހަށްޓާ މީހުންކަން ސާބިތުވެ ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.(Size:20.35" × 10.9")
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1342ހ މުހައްރަމް 29(1930މ ޖޫނު 27)ގާ، އަސުލްތާނު މުހައްމަދު ޝަމްސުއްދީނު 3ގެ ރަސްކަމުގެ 21ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެ ރަށުގެ ކުޑަ މިސްކިތަށް، އިހުއްސުރެ އޮންނަ ބޯގަޔަކީ، ރ.ފަސްމަންދޫގެ 2/1 ކަމުގަޔާ، އެކަމަކު، އެއިރަކު އެކަމުގެ މައްޗަށް ފަތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް ބޯގައަކަށް އެދުމުން؛ އއެ ފަސްމަންދޫގެ އަނެއް 2/1 އޮންނަނީ ކިހިނެތްތޯ ބެއްލެވިއިރު، އެތަން އޮންނަނީ މާޅޮސްމަޑުލު އުތުރުބުރި ކޮތައިފަރު ހޮޅި ކަތީބުގ ތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ގޮތުގާ ކަމުގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެފާވާ ފަތް، އައްޑުއަތޮޅު ހިތަދޫ، މުހައްމަދު ދޮށިމޭނާ ތަކުރުފާނުގެ ދަރި ހުސެއިން ވެލާނާ މަނިކުފާނު، އަތުލާ ނަގާލާ، އޭނަގެ ދަރިކޮޅު އެތަން އެމީހުންނަށް ނުދީ އުޅޭތީވެ، އެކަމާ އެތަނުގެ ވަގުފްވެރިން ޝަރީއަތަށް ގޮސް، އެރަށަކީ، ފަސްމަންދޫ ދޮންކަމަނަގެ ވަގުފެއްކަމާ، އޭނާގެ ދަރިކޮޅު މީހުންނަކީ، ފަސްމަންދޫ ހަކުރާތަކުރުފާނު ދަރިކޮޅާއި އަދި ކޮތައިފަރު ހޮޅި ކަތީބު ދަރިކޮޅު ކަމުގާ ނިޔާކޮށް، ލިޔެފާވާ ޝަރީއަތު ފަތަކުން ސާބިތުވުމުންނާއި، އަދި ދުވަސްވީ މީހުންގެ ފަރާތުން، އެމިސްކިތުގެ ވަގުފް ބޯގަޔަކަށް ޒަމާނުއްސުރެ އޮންނަ އެފަސްމަންދޫގެ 2/1، ހަކުރާ ތަކުރުފާނުގެ ދަރިކޮޅު، އެމިސްކިތް މައްޗަށް ލާފާ ކަމުގާ ބުނެ، އަދި އެދެދަރިކޮޅު މީހުން ގިނަވެ، އެރަށުން ލިބެ މަންފާ، ހަމަގޮތުގާ ނުބެހޭ ކަމުގާ، އެދަރިކޮޅު މީހުން އެއްބަސްވުމުން، ރ.ފަސްމަންދޫ އެއްކޮށް، އެމިސްކިތުގެ ބޯގައަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން، ނައިފަރު ރައްޔިތުންނަށް މަތިކޮށްފިކަމުގެ އަމުރުނެރުއްވުމުން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު ފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. (F6-22އަކީ މިފަތުގެ ނަކަލެއް)(Size:17.8" × 10.6")
Lh.Naifaru - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1326ހ މުހައްރަމް 15(1908މ ފެބްރުވަރީ 18)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު،{1170ހ(1757މ)ގާ} މަލަބާރީން މާލެ އަރާ، އޭރު ހުންނެވި ރަސްގެފާނުގެންދިޔުމުން، އެރަދުން ސަލާމަތް ކުރުމަށްޓަކާ، ޝަމްސުއްދީނު ރަދުންގެ ކާބަފައިންގެ ތެރެއިން، މި ރާއްޖޭގާ އެންމެ ކުރީ ރަސްކަން ކުރެއްވި، އަލްވަޒީރު ދަހަރަދަލް ހުރަވީ ގެދަރި އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނު ގެދަރި އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ނުކުމެވަޑައިގަތް ރޭ، ރާއްޖޭގެ ސަލާމަތަށް އެދި ވިދާޅުވި ނަދުރު ފުއްދަވާ (ކ.)ހުރާގާ މިސްކިތެއް އެޅުއްވި ކަމާއި އެތަނަށް ލެއްވި ބޯގަޔާ، މިކަންކަން ބަޔާންކޮށް، އެރަދުން ލިޔުއްވި 3 ލޯމާފާނު(ލޯފަތް)، ގެއްލި، ޝަމްސުއްދީނު ރަދުންގެ ޒަމާނަށް އައިއިރު، އެ ނަދުރުގެ އަދި އެ ފަތްކޮޅުގެ ވާހަކައެއްވެސް އިނގޭ މީހަކު ނެތިއޮއްވާ، އެރަސްކަމުގެ 15ވަނަ އަހަރު އެރަސްކަން ނިމުމަކަށް އައި ހައްޖު މަހު، (ކ.)ހުރާ މިސްކިތުން އެ 3ފަތް ފެނިގެން، އެ ރަދުންނަށް ގެނެސްދިން ކަމާއި، އެ 3 ފަތުގެ ތަފްސީލް ބަޔާންކުރައްވާ، އަދި އެތިން ފަތް ނަކަލުކޮށް، ހުރާ މީހުންނަށް ދިނުމަށާ، އަދި ހުރާ މީހުންނަށް އެބޯގައިގެ އެއްވެސް މަންފާއެއް ނުލިބި އެތައް ޒަމާނެއްވެ، އެމިސްކިތް ބެލެހެއްޓޭނެ ފަދައެއް ނެތި، އެތަން ވީރާނާވެފާވާތީ، ބައިތުލްމާލުން އެމިސްކިތް ހެދުމަށް ކަނޑައަޅުއްވި ކަމާއި، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިއެދެއްވި ފަތެއް.
މީގާ ބުނެފާވާ، އެ 3 ފަތުގެ ނަކަލް، F0-46ގާ އެވަނީއެ.
(Size:20.75" × 12.45")
K.Huraa - Hassan Izzuddin Mosque - Endowment for Shrine (ziyaaraiy)
1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު، ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރު ނުދައްކާމީހާ އަތުން ނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ބަނޑިދޫގާ ވާރު ދޭން ޖެހެނީ، ޖުމްލަ ފތ(24)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވާރު އާއި އަދި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކި އެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެ އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ އާއި ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްރަށުން ހިޖްރަކުރުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، މިއެންމެހާ، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
Detailed tax assesment (Size:21.95" × 14.9")
Dh.Ban'didhoo - Tax
1335ހ ޒުލްހައްޖު 24(1917މ އޮކްޓޯބަރު 11)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 14ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާ(ދަރުބާރު)ގާ، މާލެ ހުކުރު މިސްކިތުގެ، ހަވާލުވެރިކަން ދެއްވާފާވާ، ދޮށުންގެ 8 މީހުން، އެ މިސްކިތުގެ ގޮއިފާލައްބަ ހުރިރަށާ ގުޅިގެން ކުރީގެ ރަސްރަސްކަލުން ދެއްވާފާވާ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އިހުފަތް ބައްލަވާ އޭގާވާ ގޮތަށް، ހުކުރު މިސްކިތަށް އެއްޗެތި ލައްވާފާވާ ކޮންމެ ރަށެއްގެ، މުދިން، ކަތީބު އަދި އަތޮޅުވެރިންނަށް އަމުރުކުރަށްވާ؛ އެދޮށުން ދިޔަހާ ރަށަކުން، އެމިސްކިތް މައްޗަށް އޮތް ހުރިހާ ތަކެއްޗެއް، އެމީހުންނަށް ދައްކަން ޖެހޭނެ ކަމާ، އެހެން ހަވާލުވެރިޔެއްގެ ނުވަތަ އެހެން ފަތެއްގާވާ ދަނޑަކުން އަދި ރުކަކުން ވިޔަސް، އެދޮށުންނަށް، ގޮއިފާލައްބަ ދޭންޖެހޭނެ ކަމާ، އެމީހުން ރަށެއްގާ ތިބިހާދުވަހަކު، މިސްކިތް ހުރި ރަށަކުން ވިއްޔާ، އެމީހުންނަށް ދަނޑިމަހާއި، އެރަށު ރައްޔިތުންގެ ފަރާތާތުން، ކޮންމެ ދުވަހު ރާބައްޖަކާ، އަދި ހުކުރުމިސްކިތުގެ ގޮއިފާލައްބަ ހުރި ކޮންމެ ރަށަކުން ގޮއި މަސް، ދޭން ޖެހޭނެ ކަމާއި، އަތޮޅަކުން އެމީހުން ފުރަން ބޭނުންވެއްޖެ ހިނދެއްގާ، ފަޅުވެރިންލާފާ އޮޑިއެއް ދޭން ޖެހޭނެ ކަމާ، އަދި ފުރަން އުޅޭވަގުތު އެރަށަކުން އޮޑިޔެއް ދަތުރަށް ވެފަވާނަމަ، އެމީހުން، އެއޮޑިއަކުން ގެންދަން ޖެހޭނެ ކަމާ، އޮޑިޔެއްނެތް ރަށެއްނަމަ، އަތޮޅުވެރިޔަކާ އެމީހުން ހަވާލުކޮށް އެއަތޮޅުވެރިޔެއް، އެމީހުން މާލެ ގެންނެސްދޭން ޖެހޭނެ ކަމާ، މި އެންމެހާ ކަންކަމުގެ މައްޗަށް ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، ފަތެއް. A royal decree written in thaanascript empowering the need to pay the return of any use of any land/assets endowed to Malé Hukurur Miskiyy (Size:18.9" × 10.55")
K.Male' - Hukuru Miskiiy (Mosque) - Order (gift)
1349ހ ސަފަރު 27(1930މ ޖުލައި 24)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.)ގަން މަހަމޫދު ގެދަރި އައްނައިބު ހުސެއިން އަފީފުއްދީނު ބަންޑާރަނައިބުގެ ދަރިކޮޅުން ބަޔަކު، އެމީހުންގެ ކާފަ، އަފީފުއްދީނު، އެރަށުގާ އަޅާދިން މިސްކިތަށް، 1140ހ(1728މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ) ގެދަރި އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އޭގާ އެމިސްކިތުގެ ބޯގަޔަކަށް، ގަމުގެ އޮތް، އެތަނުގެ އުތުރުން ކީރިޔަ ފަންނާއި އިންވެ، ދެކުނުން ކަބޯގެ ފަންނާއި އިންވެ އޮތް، މާހިންނައާއި އެތާގެ ގޮއިފާލައްބަ، ވަގުފްކޮށް، އެ ލަށްވާ، އެމިސްކިތުގެ މުދިމާއި އަދި އިތުރު ދެމީހަކު، ވާރުން ކެނޑި(ޓެކްސް ނުދެއްކުން)، އަދި އެމުދިމަކު ބަންޑާރަ މަސައްކަތް ކުރަން ނުޖެހޭނެ ކަމާއި އެތަނުގެ ހަވާލުވެރިންނަކީ، އަފީފުއްދީނު އާއި، އޭނާގެ އެއްބަނޑު އަލްހަތީބު މޫސާ އާއި އައްނައިބު އަލީ އާއި މިތިން މީހުންގެ ދަރިކޮޅު ކަމުގާ ވުމުން، އެ މާހިންނައިގެ މިން ހަމަކޮށް، ކުރީގެ ފަތުގާވާ ފަދައިން، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިއެފާވާ ފަތެއް.(Size:22" × 10.05")
L.Gan - Gan Miskiiy (Mosque) - Endowment for Shrine (ziyaaraiy)