1236ހ ޝައްވާލް(1821މ ޖުލައި)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގެ 24ވަނަ އަހަރުތެރޭގާ، އެރަދުންގެ ދަރުބާރުގާ، އިސްކަންދަރު ޝާހު މަހާ ރަދުން، މަތިވެރީ މީހުންނަށް ދެއްވާފާވާ ފަތްކޮޅުގާ، ހަތީބުންނަށް ދެއްވާން ބުނެފާވާ އުޖޫރަ ނުދޭކަމުގާ އަރިއަތޮޅު މަތިވެރީ މޫސާ ހަތީބު ޝަކުވާކުރުމުން، އެކަން ގަބޫލުކުރައްވާ، އިސްކަންދަރު ޝާހު ރަދުން، މަތިވެރީ ހަތީބަކަށް ދެއްވާން، އިހު ފަތުގާ އަމުރުކުރަށްވާފާވާ ކޮންމެ އެއްޗެއް، ހަތީބުންނަށް ލިބެންޖެހޭނެ ކަމުގާ ވިދާޅުވެ، އިހުފަތް ބެއްލެވިއިރު، އެއީ، ސުވަސްތަސިރީ މަތަމަހާސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އިބްރާހީމް އިސްކަންދަރު 1)ގެ 20ވަނަ އަހަރު ހައްޖު މަހު، ލިޔެދެއްވާފާވާ ބާވެގެން، އަލުން ލިޔެފާވާ ފަތެއް ކަމާ، އެފަތުގާވާ ގޮތުގެ މަތިން، ކަންދޫ؟ކިލެގެ ދަރި ހާޖީ ހަސަނާއި، އޭނާޔާ އެއްބަފާ، މުހައްމަދުގެ ދަރި އަބޫބަކުރާއި ދެމީހުން އަތުން، 40ލާރިޔަށް ބައްލަވައިގަނެ މިލްކުވެފާވާ އަރިއަތޮޅު މަތިވެރިޔޭ ކިޔޭ ރަށުގާ މިސްކިތެއް އަޅުއްވަން ނިޔަތް ގަނެ، އެރަށުގާ މިސްކިތެއް ބިނާކުރުން ޝަރުތުކޮށް، އެ މަތިވެރިއާއި އެރަށު ކައިރީގާވާ މާފޮޅުދޫ(ބޮޑުފޮޅުދޫ؟)އޭ ކިޔާ ރަށާ އެދެރަށް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، ލިބޭ މަންފާއަކުން 2/1އިން އެމިސްކިތުގެ ފުރާޅު ފަންގިލާ، ކުނާ އަޅާ، ވޮއް ބަހައްޓާ، ވޮށަށް ތެޔޮ ލާ، ވަޅު ދާނި ބަހަށްޓާ، ވަޅު ދިޔަހިއްކާ، ފަސް ވަގުތު ބަންގި ސޮލަވާތްކިޔަވާ، އަދިވެސް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ޝަރުތުކޮށް، ބޯގައިގެ ހަވާލުވެރިންކަން، އެރަށުގެ އެންމެހާ ރައްޔިތުން ލަށްވާ، އެދެރަށުގެ މަންފާގެ ދެން އޮތްބައިގެ 2/1 މުދިންކަމުގާ ހުންނަމީހަކަށް، އަނެއް ބައި، ހަތީބުކަމުގާ ހުންނަމީހަކަށް ލަށްވާ، އެރަށުގެ ހަތީބު ކަމާއި، މުދިންކަން އެރަށުގެ މުދިން މުހައްމަދު ކަލޯގެ ދަރި ހަސަން ކަލޯއާއި އޭނާގެ ދަރިކޮޅަށް ލަށްވާ، އަދި އެ ދެރަށުގެ މަންފާއޭ އެބުނެވޭ އެއްޗިއްސަކީ، އެދެރަށު ދަނޑުފާލަށްބަ، ގޮއިރުއް، ރަހުރާ، ގޮއި މަސް، ގޮއި ތެޔޮ، އަދި އެރަށުގާ ބަންނަ، ދޮޅަސް(12)ރިޔަން ހުރި ކޮންމެ އޮޑިއަކުން 4ލާރިޔަކާ، އެދެރަށުގާ ވާހާ ބަންޑާރަ ތަކެއްޗެއް ކަމާއި، އެދެރަށުގާ ހެދޭ ރުއްގަސް ނުވިއްކޭނެ ކަމާއި ނުގަނެވޭނެ ކަމާއި، އެ އެންމެހާ ކަންކަން ބަޔާންކޮށް ފަތެއް ލިއުމުގެ އަމުރުއިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާޖީ މުހައްމަދު ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އިބްރާހީމް ލިޔެފާވާ ފަތެއް. Size: 25.2" X 13.5"
A.Mathiveri - Mathiveri Mosque - Endowment for Shrine (ziyaaraiy)
1220ހ(1805މ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 6ވަނަ އަހަރުގާ، ނިލަންދެ އަތޮޅު(ދ.)ހުޅުދެލި އޮޅިގިނައި{އޮޅުގިނަ؟؟...(ގަވާއިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކުމީހުންގެ ތެރެއިން މީހެއް)} ގެދަރި މަރިޔަމް ގެދަރި ހަތީބު މޫސާ ގެދަރި އިބްރާހީމް ހަތީބު ގެދަރި އިސްމާއީލް ހަތީބު ގެދަރި ހުސެއިން، އެ ރަދުންގެ ދަރުބާރަށް އައިސް، 1039ހ(1630މ) ގާ، ހުޅުދެލި އޮޅުގިނައި ލިޔެދީފާވާ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިދެންނެވުމުން، އެފަތް ބަށްލަވާ، އެފަތުގާ ވާފަދައިން؛ ނިލަންދެ އަތޮޅު (ދ.)ހުޅުދެލި މޭނާ ގެދަރި އޮޅިގިނައި އާއި، ކުލަރަންމީބަ ކަނބާ އައިސަ ރަނިކިލެގެފާނު އާއި، ނަސްރަތު މާވާ ކިލެގެފާނު އާއި މިތިން ފަރާތް، ނަރަކައިން މިންޖު ކުރަށްވާތޯ، އެ އޮޅިގިނައިގެ މުދާ ވަގުފްކޮށް، އަދި ނިލަންދެ އަތޮޅު (ދ.)މާދެލީގާ ހުރި އޭނާގެ ތަކެއްޗާ، އެރަށު މިސްކިތާ ޖެހިގެން އޮތް، ބެރެބެދިގަސް ހުރި މަގުން ގޮސް ފޫރުއްބަ(އިރު)އިން މޫސާ ކަލޭގެ ގެވަޅުގެ އަރިމަތީން މޫދާ ޖެހެންދެން އޮތްތަނުގެ ދެމެދުގާ އޮތް ހިންނައިގެ 2/1އާއި، އޭގާވާހާ ރުއްގަހާ، އެތާގެ އުތުރުން ގޮސް ދެކުނުފަރާތުގާ އޭނާ އިންދި ރުއްގަނޑާ އިންވެގެން އިރުން އޮތް މަގާ ޖެހިގެން ފަކުސަމަ(ހުޅަނގު)އަށް ދާއިރު އެދެމެދުގާ އޮތް ހިންނައިގެ 5/2އާއި، އެތާގާ ވާހާ ރުއްގަހާއި، އަދި އެރަށުގެ އެހެންތަނެއްގާ ވިޔަސް، ހުރި، އޭނާގެ ރުއްގަހާއި، އަދި ހުޅުދެލީގާ ވީހާ އޭނާގެ މިލްކުގާވީ އެންމެހާ ރުއްގަހާ، އޭނާގެ މިލްކު އެންމެހާ ތަކެއްޗެއް ވަގުފްކޮށް، އެއެއްޗެތީގެ މަންފާއިން ކޮންމެ ރަބީލްއައްވަލް މަހަކު، ވެވުނު ދުވަހަކު، 3 މީހުން ލައްވާ ސޮލަވާތް ކިޔެވުމަށާ، އޭނާގެ ރުއްތަކުން، އަހަރަކު، 4، 6 އަގި(ބޮލިގުނުމުގެ ފުރަތަމަ މިން...ފަސްފުއްބޮލި)ތެޔޮ، ހުޅުދަލީ މިސްކިތަށް ދިނުމާއި، އަދި މާދެލި، މަތި ހިންނައިގެ ތަކެތިން އެމިސްކުތު ފުރާޅު ފަންޖަހާ، ކުނާ ލާ، އަދި 3ނާޅި (ކޯޗެއްކަމެއްނެތް..ކާށިތެޔޮ؟؟) ދީ، އޭނާޔަށާ، އޭނާގެ މައިންބަފައިންގެ މައްޗަށް 3 މީހުން ލަށްވާ ޔާސީން ކިޔަވާ، އަދި އޭނާ މަރުވުމުން، ކޮންމެ ހުކުރުވިއްލޭރެއަކު، އޭނާޔަށް ފާތިހާ ކިޔެވުމަށާއި، އަދި، އޭނާޔަށް، ހުޅުދެލި މަރިޔަމް ކަނބުލޮގެ ބަނޑުން އުފަންވި މުހައްމަދު ހަތީބު، ފާތުމަތު ކަނބުލޮ ބަނޑުން އުފަންވި މަރިޔަމް ކަނބުލޮ، މާފިލާފުށި ހައްވާ ކަނބުލޮ ބަނޑުން އުފަންވި ހަދީޖާ ކަނބުލޮ އާއި އަދިވެސް އޭނާޔަށް ބަލަދުވެރިކަން އަރާ، މީހަކު ހުޅުދެލީގާ އުޅޭނަމަ އެމީހަކާ، އަދި ފަހުން އޭނާޔަށް ދަރިޔަކު ލިބިއްޖެ ނަމަ އެ ދަރިޔަކާ، އެ އެންމެގެ ދަރިކޮޅަށް، އެ ވަގުފްގެ ހަވާލުވެރިކަން ލަށްވާ، އާފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން، އަލްހާޒިން އަލްކަބީރު މޫސާ ކިޔުމުން މާލެ މާމުދިން ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 9(1922މ އޭޕްރިލް 7)ގާ ކުރެވިފާވާ، ތާނަ ތަރުޖަމާއެއް.
Dh.Hulhudheli - Hulhudheli Mosque - Endowment for Mosque
(Size:16.5" x 13.25)
1224ހ ޖުމާދިލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނައަހަރު، އެރަދުންގެ ދަރުބާރަށް، ނިލަންދެ އަތޮޅު ނިލަންދޫ މީހުން، އައްސުލްތާނު މުހައްމަދު މަހާރަދުން، އެރަށުގާ މިސްކިތެއް ބިނާކުރަށްވާ، ނިލަންދޫ ފާލައްބަ އާއި، އެ އަތޮޅު ފާންދޫއާއި، ކަޑުފުއްޓާއި، އަރިއަދެއަތޮޅު(އަރިއަތޮޅު) މާފަރާއި، ތިލަދުންމަތި މާރަންދޫގާ އޮތް 200ބަމަ ހުރި ވައިފަލެ ކިޔާ ބިންގަނޑު، އެމިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ފަތް ހިފައިގެން ގޮސް، އެރަށުގާ އެހެނިހެން ވަގުފްތައް އުފެދި އަދި ފަތްވެސް ލިއެވި ވުމާއެކު، އެމިސްކިތުގެ ބޯގަޔަށް ވީތަކެތި ވަނީ، ގެއްލި މަދުވެގެން ގޮސްފާ ކަމުގާ ބުނެ، އެކަމަށް ހަށްލެއް ހޯދާދެއްވުމަށް އެދުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ މަޖިލީހުން އެމީހުން ގެނައި ފަތް ބައްލަވާ، އެފަތް ސައްހަ ކަމުގާ ނިޔާކުރަށްވުމުން، ރަދުން އެއަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް މާބަނޑޭރި، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-104)ގެ، 1378ހ ޝައުބާން 24(1959 މާޗް 5)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy) e
1224ހ ޖުމާދުލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނަ އަހަރު، މާޅޮސްމަޑުލު(ރ.) ކަޅިފުށީ(އަލިފުށީ؟؟) މީހުން އެ ރަދުންގެ ދަރުބާރުގާ، އެރަށު ހުކުރު މިސްކިތް ވަގުފްކޮށް ދެއްވާފާވާ މިލަދުންމަޑުލު(ށ.) ދޮޅިއަދޫ، އެއީ މާލޭ މަށްޗަންގޯޅި ބާމިސްކިތަށް ބޯގަޔަށް ލަށްވާފާވާ ތަނެއްކަމުގާ، އެ މިސްކިތުގެ ބެރިޔެއްގާ ލިޔެފާ އެބައޮތޭ ކިޔާ، އެމިސްކިތުގެ ހަވާލުވެރިން، އެތަން އަތުލައިގެން އުޅޭކަމުގާ ދައުވާކުރުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއްޔަތުގެ މަޖިލީހަށް، އެދެބައިމީހުން ފޮނުއްވުމުން، އެމަޖިލީހުން އެކަން ބަށްލަވާ، އަލިފުށީ ހުކުރުމިސްކިތް ނޫން އެހެން އެއްވެސް ތަނަކަށް، ދޮޅިޔަދޫ އޮތް ހަނދާނެއްވާ އެއްވެސް މީހަކު އެ ރަށުގާވެސް އަދި އެ އަތޮޅުގާވެސް ނޫޅޭ ކަމުގާ އަލިފުށީ މީހުން ބުނިކަމުގާ ރަސްގެފާނަށް ދަންނަވާ، އަލިފުށީ 8 މީހުން ޝަރީއްޔަތު މަޖިލީހަށް ހާޒިރުކޮށް، އެމީހުން އެގޮތަށް އެކަންއޮތްކަމަށް ހުވާކުރުމުން، އެހުވާމައްޗަށް، މި ޝަރީޔަތް ނިންމެވުމުން، ދޮޅިޔަދޫ އަކީ އަލިފުށީ ހުކުރު މިސްކިތަށް، ބޯގަޔަށް އޮތްތަނެއް ކަމުގާ ބަޔަންކޮށް، އައްނައިބު އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އަލީ ހާޖީ ލިޔެފާވާ ފަތެއް. Size: 13.7" X 10.7"
R.Alifushi - Alifushi Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1304ހ ރަޖަބް 22(1887މ އޭޕްރިލް 16)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގާ، ފަނޑިޔާރު އައްޝައިހުލް އަލީ އަށްނަސްކީ އަލްގާހިރިއްޔާގެ ޝަރީއަތު މަޖިލީހުގާ، މަލިންގޭ ހަސަންދީދީ، ވާދޫ ދަންޑެހެލުގެ، ވަގުފް ގޯތި، ވެޔޮދޮށު ގޯތިން ވަށްބެރުގޭ އެންމެންނަށް ވީބަޔާއި، ހައްދުންމަތީ ހަސަން މަނިކުގެ ދަރިއަށްވީ ބަޔާއި، ހުރާ އިސްމާއީލްފުޅުގެ ދަރިންނަށް ވީބަޔާއި، އައްޔަފުޅު ދޮންކޮއްކޮގެ ދަރިޔަށް ވީބަޔާއި؛ މިހުރިހާތަނެއް، އޭނާ -/111 ރުފިޔާއަށް ގަނެ، އެތަނުގެ ހަވާލުވެރިކަން އޭނައަށް ލިބިއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ފަނޑިޔާރު، ލިޔެފާވާ ފަތެއް. Size: 10.2" X 5.8 "
K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
1304ހ ޝައުބާން 24)1887މ މޭ 18)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގެ، އައްޝެއިހު އަލީ ނަސްކީ އަލްގާހިރީގެ ޝަރީއްޔަތު މަޖިލީހުގާ، މަންނާރީ މުހައްމަދު ކަލޭގެ ގެދަރި ފާތުމާފާނު ގެދަރި އައިމިނާފުޅު ގެދަރި މޫސާ ކަލޭފާނު، އޭނާގެ މާމަގެ މިލްކުގާވާ، އީދުމިސްކިތް ދޮށުގާ އޮތް ގޯތީގެ ގެއްލިފާވާ ފަތް ފެނިއްޖެކަމާ، އަދި އެފަތުގާ އެވާ ގޯތި އެމީހުންނަށް ދެއްވުމަށް އެދުމުން؛ އެ ފަތް ބެއްލެވިއިރު އެއީ، އައްސުލްތާނު ހަސަން ނޫރައްދީނު، މާލޭގެ އަމިއްލަ އަދި ބަންޑާރަ ގޯތިތަށް ބަލާ ވަކިކުރުމަށް، ނެރުއްވި އަމުރުގެ ދަށުން، ބަނޑޭރި ބޭކަލުންގެ 6 ބޭކަލުންގެ މަޖިލީހަކުން، އީދު މިސްކިތް ކައިރީގާވާ، ވަށަމިނުގާ، 65ބަމަ ހުރި، އެ ފާތުމާފުޅުގެ މިލްކެއްކަން ސާބިތުވެ، އޭގެ ބަދަލުގާ، އީދު މިސްކިތަށް ހިނގާ މައިމަގު ދެކުނުން އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ ގޯތީގެ ހުޅަނގުން އޮތް މަގާ އިންވެގެން ހުޅަނގުން އޮތް، އުތުރު ބިތުގާ 7ބަމަ 13އަނގޫ، އިރު ބިތުގާ 24ބަމަ 12އަނގޫ، ދެކުނު ބިތުގާ 12ބަމަ 1ރިޔަން 10އަނގޫ އަދި ހުޅަނގު ބިތުގާ 21ބަމަ ބާރަ އަނގޫ، ބޮޑިމިން ހުރި ގޯތި، އެ ފާތުމާފުޅަށް ދެއްވި ކަމުގާ ލިޔެފާވާ ފަތެއްކަމުން، އެގޯތީގެ މިލްކުވެރިކަން ސާބިތުވެ؛ އެ މަޖިލީހުން ލިޔެއްދެއްވި ފަތެއް.
K.Male' - Private Property
(Size:13.4" x 9.9")
1216ހ ރަބީލްއާހިރު(1801މ އޯގަސްޓް)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ދަރުބާރުގާ، އަރިއަތޮޅު މާމިގިލި މީހުން، އެރަށުގެ ފަޅުގާ އޮންނަ ދިއްފުށީގެ ރުއްއަޅާ 2/1ބަންޑާރައަށް ނަންގަވާ އަނެއްބައި، އެމީހުންގެ ރަށުގެ ކުޑަމިސްކިތާއި، ކަނދިލި މިސްކިތަށް، ބޯގަޔަށް ލަށްވާދެއްވުމަށް އެދުމުން، އެގޮތަށް އެކަން ކުރުމަށާއި އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވައިފި ކަމުގެ އަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަޖަހާ، މުހައްމަދު ހަނދޭގިރި ލިޔެފާވާ ފަތެއް. 12.5" 9"
A.Maamigili - Kuda Miskiiy (Mosque), Kan'dhili Miskiiy (Mosque) - Endowment for Shrine (ziyaaraiy)