1207ހ(1792/1793މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރި(ބ.)ދަރަވަންދޫ ރައްޔިތުން، އެރަދުންގެ ދަރުބާރުގާ، އެރަށު މިރިއަބުކަނބުލޮ އެޅި މިސްކިތު ބޯގަޔަށް، ސިރީ ކުލަ ސުންދުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން(އައްސުލްތާނު މުހައްމަދު އިމާދުއްދީނު 1) ދެއްވި ފަތްކޮޅު އަނދައިގެން ދިޔުމުން، އޭގެ މައްޗަށް، ރަންނަވަ ލޯކަ މަހާ ރަދުން(އައްސުލްތާނު މުހައްމަދު(ކުޑަ)) ދެއްވި ފަތްކޮޅު، މަލަބާރިން ވީދާ ހަލާކުކޮށްލައިފި ކަމުގާ ބުނެ، އިހުގާ އެމިސްކިތް މައްޗަށް ހުރި ބޯގަ ލަށްވާ، އާ ފަތެއް ދެއްވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެމިސްކިތައް ހުރި ބޯގަޔަކީ، އެރަށު ގޮއިފާލައްބައިގެ 2/1އާއި، އެރަށު ރާބަޔާއި، ބޮލުރޯނު( ބިތް ފަންގަނޑުގެ އެންމެމަތީ ރޯނު)އާއި، ގޮއި މަހުން 2/1އާއި، 2މީހުންގެ ވާރާއި، އެރަށުގެ ކުޑަހިންނަ އާއި، އަލަ ދަނޑާއި، ބޮޑުމަގު ދަނޑާ، އަލަދަނޑުގެ ދެކުނުން އޮތް ދަނޑާއި، ރަށު ދެކުނު އޮތް ދަނޑާއި، މަސްކާރަ(ކުޅި)ގެ 2/1 ކަމުގާ ފެނުމުން، ހަމަ އެއްޗެތި އެމިސްކިތުގެ ބޯގަޔަށް ލަށްވާ. އެބޯގައިގެ ހަވާލުވެރިކަން އެރަށު ރައްޔިތުންނަށް ދެއްވާ، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެ ރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން މުހައްމަދު ހަނދޭގިރި ކީހިނދު މާލެ ފަތްލިޔާ އަލީ ލިޔެފާވާ ފަތުގެ ނަކަލެއް.
މިފަތުގެ ތިރީގާ، މިނިސްޓްރީ އޮފް އެގްރިކަލްޗާގެ ތައްގަޑެއް ޖަހާފާ ވެއެ.
(Size:16.65" × 13.3")
(B.Dharavandhoo - Mariyan'bu Kan'bulo Mosque - Endowment for Shrine (ziyaaraiy)
1357ހ ޖުމާދިލްއައްވަލް 22(1938މ ޖުލައި 20)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އަށް، މާލޭގާ ވިޔަފާރިކުރާ، ސޯޅިޔާއިން ނާއި މަލަބާރީން(އިންޑިޔާ ބަޔެއް)؛ އެރަދުންގެ ރަސްކަން ދެމިހުރަމަށް ދުއާކޮށް އެމީހުންނަކީ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގާ، މާލޭގާ ވަރަށް ގިނަ ޒަމާންވަންދެން ވިޔަފާރިކުރަމުންދާ ބަޔެއްކަމާއި، އެމީހުންނަށް ރާއްޖޭގެ ސަރުކާރުން ބަހަށްޓާ ހެޔޮކަމަށް ޝުކުރުކޮށް، އަދި އެރަދުންނަށާއި، ރަސްކަމުގެ ބޮޑުންނަށާއި އަދި އެންމެހާ ރައްޔިތުންނަށް، އުފަލާއި ބާއްޖަވެރިކަން ލެއްވުމަށް ދުއާކުރާކަމާއި، މި އެންމެހާ ކަންކަން ލިޔެ، ލިޔުންގަނޑު ވަށާ ކުރެހުން އަޅާ ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.Letter expressing best wishes(Size:11.4" × 8.85")
K.Male' - Writing(Commemoration)
1235ހ ޖުމާދިލްއާހިރު(1820މ މާޗް)ގާ، އަލްގާޒީ އިބަރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ދަރުބާރަށް، ކުޑަދަހަރާ ތަކުރުފާނުގެ ވަގުފް އާއި ދީދީ ފަޑިޔަތް ތަކުރުފާނު؟؟؟ގެދަރި ދީދީ ތަކުރުފާނު؟؟؟ގެ ވަގުފާއި، އެދެވަގުފްގެ ހަވާލުވެރިޔާ އައިސް، އެމީހުންނަށް އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވި ފަތް ބާވެގެން އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެ ފަތް ބެއްލެވިއިރު، އެއީ؛ އެދެ ވަގުފްގެ އިހުގެ ހުރިހާ ފަތެއް، މުލަކަށް ދިޔަ ކިލެގެފާނުންނާ އެކީގާ އައި އިނގިރޭސި؟؟(މިތަންކޮޅު ހަލާކުވެފަ)ން ގެންގޮސް އަންދާ، ނަގައިލައިފި ކަމުގާ، ކުޑަދަހަރާ ތަކުރުފާނު ގެދަރި ކަދީދާ ފާނު ގެދަރި ތުއްބީފާނު، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރު ކަލޭފާނުގެ ދަރުބާރުގާ ބުނުމުން، އެކަން ބައްލަވާ، އެ ކުޑަދަހަރާ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތުވީ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި އާއި ޖެހިގެން އޮތް ފޭދޫ؟؟؟ އާއި، ގދ. ކާޑެއްދޫ އާއި ޖެހިގެން އޮތް ރަހަދޫ، ދެއްވަދޫ ރަސްގެފާނުން ނަންގަވާފާ، ދެއްވި، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ހިރުއްދޫ(ހިރުންދޫ) އާއި، މިލަދުންމަޑުލު(ށ.)ފޯކައިދޫ ގަޔާ މާޅޮސްމަޑުލު(ބ.)ކަމަދޫގާ ހުރި، އެ ތަކުރުފާނުގެ މިލްކު ރުއްގަހާއި، ދަނޑުފަގަ(ގަސްގަހާގެހި ހައްދާ ދަނޑާއި އާމްދަނީ ލިބޭ، ހިންނަފަދަ ތަންތަން) އާއި، ފޭދޫގާ އޮތް ރައްކާފުތު ހިންނައާއި، އަރިއަތޮޅު(އދ.)އޮމަދޫ އާއި މިތަންތަން ކަމާއި، އަދި ދީދީ ފަޑިއްތަކުރުފާނުގެ ދަރި ދީދީ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތު ވި އެ ކުޑަދަހަރާ ތަކުރުފާނުގެ...(ވީދި ކިޔަން ނޭނގެ)..ރުއްގަހާއި ދަނޑުފަގާއި، އެ އެންމެހާ ތަކެތި އެ ދެވަގުފަށް ލަށްވާ، އެ ވަގުފްގެ ހަވާލުވެރިކަން ކުޑަދަހަރާ ތަކުރުފާނު އާއި، ދީދީ ފަޑިޔަތްތަކުރުފާނުގެ ގެދަރި ކަދީދާ ފާނު ގެދަރި ތުއްބީފާނައި އެ ދަރިކޮޅަށް ލަށްވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވި ފަތް ކަމުގާ ސާބިތުވުމުން، އާކޮށް، އެފަތުގެ މައްޗަށް، ލިޔެދެއްވި ފަތެއް. (F0-98އަކީ މީގެ އިހުފަތް)(Size:15" × 10")Al Ghaazee Ibrahim Sirajuddin
K.Male' - Endowment for property
1346ހ ޖުމާދިލްއައްވަލް 22(1927ހ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެ ހުކުރު މިސްކިތުގެ ދޮށުން، 1066ހ(1656މ)ގާ، އިސްކަންދަރު އިބްރާހީމް، އާކުރައްވާ ބިނާކުރެއްވި އެ މިސްކިތުގެ ބޯގަފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިމުން؛ ކުރީގެ ފަތް ބައްލަވާ، އެމިސްކިތުގެ ބޯގަޔަށް ހުރީ، ތިލަދުންމަތިން: (ހއ.)ކެލާ މާމުދާގަނޑު، ވަށަފަރު، ކުނބުރުދޫ ރުއް، ނެއްލާދޫ، މާރަންދޫއިން 4/1، އިހަވަންދޫ، ހުވަރަފުށި، ހަތިފުށި، ބެރިންމަދޫ، ގާމަތިގަނޑު، މަނަފަރު، މެދަފުށި، އުލިގަމުގެ ކުޑަދޫ ކިޔާ ބިންގަނޑު، އަދި މިލަދުންމަޑުލު އިން: (ށ.)ފޭދޫއިން ހިންނައެއް، (ށ.)މަތި ކޮމަންޑޫ، (ނ.)ކެނދިކޮޅުން ހިންނައަކާ، (ނ.)މަނަދޫން ވާރު ރޯނުން 3 ބައި ރޯނު، މާޅޮސްމަޑުލުން: (ރ.)ވާދޫގެ ހުކުރު މިސްކިތުން ފަށައިގެން އުތުރަށް އޮތްތާ ބިމާ، (ރ.)އަނގޮޅިތީމުގެ 3/2، (ރ.)ރަސްމާދޫގެ 2/1، (ރ.)ވަންދޫ، (ރ.)މަހިދޫ، (ބ.)ފުޅަދޫގެ އިރުމަތީ ކޮޅު އަދި ފާދިއްޕޮޅުން: ދިއްދޫ، މައުމަގާ، މާލެ އަތޮޅުން ދޫނިދޫ، ޅޮހިމާފުށި (ޅޮހިފުށި އަދި މާފުށި)، އަރިއަތޮޅުން: މާފޮޅުދޫ (ބޮޑުފޮޅުދޫ)، (އދ.)ކުނބުރުދޫ، ދަނގެތި، ހީންފުށި(ހީންފަރު)، ވޭވަށް އިން 8ކޮއްޓެ، ނިލަންދެ އަތޮޅުއިން: ޅޮހި، ކޮޅުމަޑުލުން: ބުރުނިން ބޮލި ކޮއްޓޭއެއް، މާގުޅި، ހިކަނދި ޅޮހި، މަޑިފުށިން 2 ކޮއްޓޭ، ތިންކޮޅުފުށި(ކޮޅުފުށި)ން ބަމުފުހި ކިޔާ ތަނާ، ކަކޮޅަސް އިން ބިމަކާ، ކަނޑޫދޫއިން 3 ބިމާ،، ހައްދުންމަތީން: އިސްދޫކަލައިދޫ އިން 3 ބިން، ބަރެސްދޫ، ގަމުން 2 ބިން، ހުޅިމެންދޫ، މާފުށި، މާވަށު އަތްފޮޅު، ހަންހުށި އަދި ހުވަދޫއަތޮޅުން: (ގއ.)ކޮނޑޭ، (ގދ.)ކޮޑެރަޓަ، ދޮނުންރެހާ (ދޫނިރެހާ)، ރެއްދަފުށި(ގދ.ރެއްދަހުއްޓާ)، (ގދ.)ވާރެއާދުވާ، (ގދ.)ވާދޫއިން ބިމަކާ، މާތޮޑާއިން ބިމަކާއި، (ގދ.)ބޮލިމަތައިދޫ އާއި، ކަޅުފުށި(ގދ.ކަޅަހުއްޓާ)، ފުވައްމުލަކުން ބިމަކާ، ހުކުރުމިސްކިތުގެ ހުޅަނގުގާ އޮތް ގޯއްޗާއި އެތާގާވާހާ އެއްޗެތި ކަމާއި، އެބޯގައިގެ ހަވާލުވެރިންނަކީ، އެމިސްކިތް ބަލަހަށްޓާ މީހުންކަން ސާބިތުވެ ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.(Size:20.35" × 10.9")
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1342ހ މުހައްރަމް 29(1930މ ޖޫނު 27)ގާ، އަސުލްތާނު މުހައްމަދު ޝަމްސުއްދީނު 3ގެ ރަސްކަމުގެ 21ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެ ރަށުގެ ކުޑަ މިސްކިތަށް، އިހުއްސުރެ އޮންނަ ބޯގަޔަކީ، ރ.ފަސްމަންދޫގެ 2/1 ކަމުގަޔާ، އެކަމަކު، އެއިރަކު އެކަމުގެ މައްޗަށް ފަތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް ބޯގައަކަށް އެދުމުން؛ އއެ ފަސްމަންދޫގެ އަނެއް 2/1 އޮންނަނީ ކިހިނެތްތޯ ބެއްލެވިއިރު، އެތަން އޮންނަނީ މާޅޮސްމަޑުލު އުތުރުބުރި ކޮތައިފަރު ހޮޅި ކަތީބުގ ތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ގޮތުގާ ކަމުގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެފާވާ ފަތް، އައްޑުއަތޮޅު ހިތަދޫ، މުހައްމަދު ދޮށިމޭނާ ތަކުރުފާނުގެ ދަރި ހުސެއިން ވެލާނާ މަނިކުފާނު، އަތުލާ ނަގާލާ، އޭނަގެ ދަރިކޮޅު އެތަން އެމީހުންނަށް ނުދީ އުޅޭތީވެ، އެކަމާ އެތަނުގެ ވަގުފްވެރިން ޝަރީއަތަށް ގޮސް، އެރަށަކީ، ފަސްމަންދޫ ދޮންކަމަނަގެ ވަގުފެއްކަމާ، އޭނާގެ ދަރިކޮޅު މީހުންނަކީ، ފަސްމަންދޫ ހަކުރާތަކުރުފާނު ދަރިކޮޅާއި އަދި ކޮތައިފަރު ހޮޅި ކަތީބު ދަރިކޮޅު ކަމުގާ ނިޔާކޮށް، ލިޔެފާވާ ޝަރީއަތު ފަތަކުން ސާބިތުވުމުންނާއި، އަދި ދުވަސްވީ މީހުންގެ ފަރާތުން، އެމިސްކިތުގެ ވަގުފް ބޯގަޔަކަށް ޒަމާނުއްސުރެ އޮންނަ އެފަސްމަންދޫގެ 2/1، ހަކުރާ ތަކުރުފާނުގެ ދަރިކޮޅު، އެމިސްކިތް މައްޗަށް ލާފާ ކަމުގާ ބުނެ، އަދި އެދެދަރިކޮޅު މީހުން ގިނަވެ، އެރަށުން ލިބެ މަންފާ، ހަމަގޮތުގާ ނުބެހޭ ކަމުގާ، އެދަރިކޮޅު މީހުން އެއްބަސްވުމުން، ރ.ފަސްމަންދޫ އެއްކޮށް، އެމިސްކިތުގެ ބޯގައަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން، ނައިފަރު ރައްޔިތުންނަށް މަތިކޮށްފިކަމުގެ އަމުރުނެރުއްވުމުން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު ފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. (F6-22އަކީ މިފަތުގެ ނަކަލެއް)(Size:17.8" × 10.6")
Lh.Naifaru - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1326ހ މުހައްރަމް 15(1908މ ފެބްރުވަރީ 18)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު،{1170ހ(1757މ)ގާ} މަލަބާރީން މާލެ އަރާ، އޭރު ހުންނެވި ރަސްގެފާނުގެންދިޔުމުން، އެރަދުން ސަލާމަތް ކުރުމަށްޓަކާ، ޝަމްސުއްދީނު ރަދުންގެ ކާބަފައިންގެ ތެރެއިން، މި ރާއްޖޭގާ އެންމެ ކުރީ ރަސްކަން ކުރެއްވި، އަލްވަޒީރު ދަހަރަދަލް ހުރަވީ ގެދަރި އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނު ގެދަރި އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ނުކުމެވަޑައިގަތް ރޭ، ރާއްޖޭގެ ސަލާމަތަށް އެދި ވިދާޅުވި ނަދުރު ފުއްދަވާ (ކ.)ހުރާގާ މިސްކިތެއް އެޅުއްވި ކަމާއި އެތަނަށް ލެއްވި ބޯގަޔާ، މިކަންކަން ބަޔާންކޮށް، އެރަދުން ލިޔުއްވި 3 ލޯމާފާނު(ލޯފަތް)، ގެއްލި، ޝަމްސުއްދީނު ރަދުންގެ ޒަމާނަށް އައިއިރު، އެ ނަދުރުގެ އަދި އެ ފަތްކޮޅުގެ ވާހަކައެއްވެސް އިނގޭ މީހަކު ނެތިއޮއްވާ، އެރަސްކަމުގެ 15ވަނަ އަހަރު އެރަސްކަން ނިމުމަކަށް އައި ހައްޖު މަހު، (ކ.)ހުރާ މިސްކިތުން އެ 3ފަތް ފެނިގެން، އެ ރަދުންނަށް ގެނެސްދިން ކަމާއި، އެ 3 ފަތުގެ ތަފްސީލް ބަޔާންކުރައްވާ، އަދި އެތިން ފަތް ނަކަލުކޮށް، ހުރާ މީހުންނަށް ދިނުމަށާ، އަދި ހުރާ މީހުންނަށް އެބޯގައިގެ އެއްވެސް މަންފާއެއް ނުލިބި އެތައް ޒަމާނެއްވެ، އެމިސްކިތް ބެލެހެއްޓޭނެ ފަދައެއް ނެތި، އެތަން ވީރާނާވެފާވާތީ، ބައިތުލްމާލުން އެމިސްކިތް ހެދުމަށް ކަނޑައަޅުއްވި ކަމާއި، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިއެދެއްވި ފަތެއް.
މީގާ ބުނެފާވާ، އެ 3 ފަތުގެ ނަކަލް، F0-46ގާ އެވަނީއެ.
(Size:20.75" × 12.45")
K.Huraa - Hassan Izzuddin Mosque - Endowment for Shrine (ziyaaraiy)
1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު، ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރު ނުދައްކާމީހާ އަތުން ނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ބަނޑިދޫގާ ވާރު ދޭން ޖެހެނީ، ޖުމްލަ ފތ(24)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވާރު އާއި އަދި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކި އެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެ އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ އާއި ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްރަށުން ހިޖްރަކުރުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، މިއެންމެހާ، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
Detailed tax assesment (Size:21.95" × 14.9")
Dh.Ban'didhoo - Tax
1335ހ ޒުލްހައްޖު 24(1917މ އޮކްޓޯބަރު 11)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 14ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާ(ދަރުބާރު)ގާ، މާލެ ހުކުރު މިސްކިތުގެ، ހަވާލުވެރިކަން ދެއްވާފާވާ، ދޮށުންގެ 8 މީހުން، އެ މިސްކިތުގެ ގޮއިފާލައްބަ ހުރިރަށާ ގުޅިގެން ކުރީގެ ރަސްރަސްކަލުން ދެއްވާފާވާ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އިހުފަތް ބައްލަވާ އޭގާވާ ގޮތަށް، ހުކުރު މިސްކިތަށް އެއްޗެތި ލައްވާފާވާ ކޮންމެ ރަށެއްގެ، މުދިން، ކަތީބު އަދި އަތޮޅުވެރިންނަށް އަމުރުކުރަށްވާ؛ އެދޮށުން ދިޔަހާ ރަށަކުން، އެމިސްކިތް މައްޗަށް އޮތް ހުރިހާ ތަކެއްޗެއް، އެމީހުންނަށް ދައްކަން ޖެހޭނެ ކަމާ، އެހެން ހަވާލުވެރިޔެއްގެ ނުވަތަ އެހެން ފަތެއްގާވާ ދަނޑަކުން އަދި ރުކަކުން ވިޔަސް، އެދޮށުންނަށް، ގޮއިފާލައްބަ ދޭންޖެހޭނެ ކަމާ، އެމީހުން ރަށެއްގާ ތިބިހާދުވަހަކު، މިސްކިތް ހުރި ރަށަކުން ވިއްޔާ، އެމީހުންނަށް ދަނޑިމަހާއި، އެރަށު ރައްޔިތުންގެ ފަރާތާތުން، ކޮންމެ ދުވަހު ރާބައްޖަކާ، އަދި ހުކުރުމިސްކިތުގެ ގޮއިފާލައްބަ ހުރި ކޮންމެ ރަށަކުން ގޮއި މަސް، ދޭން ޖެހޭނެ ކަމާއި، އަތޮޅަކުން އެމީހުން ފުރަން ބޭނުންވެއްޖެ ހިނދެއްގާ، ފަޅުވެރިންލާފާ އޮޑިއެއް ދޭން ޖެހޭނެ ކަމާ، އަދި ފުރަން އުޅޭވަގުތު އެރަށަކުން އޮޑިޔެއް ދަތުރަށް ވެފަވާނަމަ، އެމީހުން، އެއޮޑިއަކުން ގެންދަން ޖެހޭނެ ކަމާ، އޮޑިޔެއްނެތް ރަށެއްނަމަ، އަތޮޅުވެރިޔަކާ އެމީހުން ހަވާލުކޮށް އެއަތޮޅުވެރިޔެއް، އެމީހުން މާލެ ގެންނެސްދޭން ޖެހޭނެ ކަމާ، މި އެންމެހާ ކަންކަމުގެ މައްޗަށް ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، ފަތެއް. A royal decree written in thaanascript empowering the need to pay the return of any use of any land/assets endowed to Malé Hukurur Miskiyy (Size:18.9" × 10.55")
K.Male' - Hukuru Miskiiy (Mosque) - Order (gift)
(ތާރީހެއް ނެތް)، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، ނިލަންދެ(ފ.،ދ.)އަތޮޅު ރައްޔިތުންނަށް، އެއަތޮޅު(ދ.)މަތިމުރުކާލި ކިޔާ ފަޅުން، (ދ.)ބަނޑިދޫގެ ރައްޔިތުން، ބޮލިހިލާ އަދި މަސް ބާނާ ހެދިޔަސް، އެއްވެސް މީހަކު އެމީހުންނާ ބެހި، ދެކޮޅުވެރިކަމެއް ނުވުމަށް، އަމުރުކުރައްވާފާ ފަތެއް.
A royal decree written in thaanascript stating that Dhaalu Mathimurakaali reef is open for fishing and other uses for Dhaalu Ba'ndidhoo people (Size:5.05" × 4.35")
Dh.Ban'didhoo - Mathi Muraka Lagoon - Order (Falhu)
1219ހ ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީޔަތު މަޖީލުހުގާ، އދ.ފެންފުށި މަލިންކަލޭފާނުގެ ދަރި މުދިން ހަސަން އެދުރު މަނިކު، އޭނާގެ މަންމަ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްދިން ގޯތީގެފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އެއީ، 1200ހ ޝައްވާލް 15(1786މ އޯގަސްޓް 10)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނު ގެދަރި މަރިޔަމްފާނު، އޭނާ ދުނިޔޭގާ ހުރެ، އޭނާގެ މިލްކުގާވާ ގޯއްޗާއި އެތާ އަޅާފާވާ ދެގެއާ، އެތާގާވާހާ ރުއްގަހާ އެހެނިހެން ތަކެއްޗަކާ، އޭނާގެ މިލްކުގާ ވާހާ ރަންރިއްސާ، ގެވަތުކަންވާރު(ގޭގާ ހިފާގެންގުޅޭ ސާމާނާ)އާއި، އޭނާގެ އެންމެހާ މިލްކެއް، އޭނާގެ މިލްކުން ކަނޑާ، އޭނާ މަރުވުމަށްފަހު، ކޮންމެ އަހަރަކު ރަބީލްއައްވަލް 12ދުވަހު، ވީވަރަކުން، ސޮލަވާތް ކިޔެވުމަށް، އޭނާގެ ދަރި ހަސަން މަނިކުއަށް، އަދި އެ ހަސަން މަނިކު ނެތިދިއުމުން އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ، ސައްހަ ފަތެއް ކަމުގާ ސާބިތުވުމުން؛ އެފަތް އާކޮށްދިނުމުގެ އަމުރުއިއްވެވުމުން، އެމަޖިލީހުން ލިޔުނު ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) 'މުއީނުއްދީނު ރަދުންގެ ހަތްވަނަ އަހަރު ކޮޅުމަޑުލު ވާރު ފަތް އަލިތަކުރުފާނައް ލިޔެދީފާތި' މިހެން، އިހުގެ ލިޔުމަކުން ލިޔެފާވާ ލިޔުމެއް ވެއެ.
(Size:17.4" × 10") Chief Justices - Al Ghaazee Moosa Muhyiddin
A.Dh.Fenfushi Mudhin Hassan Maniku Goathi (Housing Plot) - Deed for housing plot