1349ހ ސަފަރު 27(1930މ ޖުލައި 24)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.)ގަން މަހަމޫދު ގެދަރި އައްނައިބު ހުސެއިން އަފީފުއްދީނު ބަންޑާރަނައިބުގެ ދަރިކޮޅުން ބަޔަކު، އެމީހުންގެ ކާފަ، އަފީފުއްދީނު، އެރަށުގާ އަޅާދިން މިސްކިތަށް، 1140ހ(1728މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ) ގެދަރި އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އޭގާ އެމިސްކިތުގެ ބޯގަޔަކަށް، ގަމުގެ އޮތް، އެތަނުގެ އުތުރުން ކީރިޔަ ފަންނާއި އިންވެ، ދެކުނުން ކަބޯގެ ފަންނާއި އިންވެ އޮތް، މާހިންނައާއި އެތާގެ ގޮއިފާލައްބަ، ވަގުފްކޮށް، އެ ލަށްވާ، އެމިސްކިތުގެ މުދިމާއި އަދި އިތުރު ދެމީހަކު، ވާރުން ކެނޑި(ޓެކްސް ނުދެއްކުން)، އަދި އެމުދިމަކު ބަންޑާރަ މަސައްކަތް ކުރަން ނުޖެހޭނެ ކަމާއި އެތަނުގެ ހަވާލުވެރިންނަކީ، އަފީފުއްދީނު އާއި، އޭނާގެ އެއްބަނޑު އަލްހަތީބު މޫސާ އާއި އައްނައިބު އަލީ އާއި މިތިން މީހުންގެ ދަރިކޮޅު ކަމުގާ ވުމުން، އެ މާހިންނައިގެ މިން ހަމަކޮށް، ކުރީގެ ފަތުގާވާ ފަދައިން، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިއެފާވާ ފަތެއް.(Size:22" × 10.05")
L.Gan - Gan Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1346ހ ޖުމާދިލްއައްވަލް 12(1927މ ނޮވެންބަރު 7)ގާ، މޫސަލް މަހައްލީ ގެދަރި ނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތު މަޖިލީހަށް، ހިކަނދި އާދަމް މަނިކު ގެދަރި ރިނބުދޫގޭ ތުއްތު މަނިކެ ހާޒިރުވެ، އޭނާގެ ކުދިންގެ ބައްޕަ، ކުޅުދުފުށި މާވަޑި އިބްރާހީމް މޫސާ އަތުން، ދައްޕަރު މޫސާ ކަލޭފާނު ގެދަރި ތުއްތު ދީދީ، -/360 ރުފިޔާ ހިފާ އެ މޫސާއާއި ހަވާލުކޮށްފާވާ، އެ ތުއްތީދީގެ މަންމަ، ރަންނާގޭ ދޮންދީދީ އަށް ވަގުފްކޮށްފާވާ ފަތާއި، އެ މޫސާގެ މަށްޗައް އެގޯތި ހަވާލުކުރިކަމަށް ލިޔެ، އޭނާޔަށް ދިން ކަރުދާހާ، މި ހުރިހާ ލިޔުމެއް، އެ މޫސާ މަރުވުމަށް ފަހު ނުފެނި، ގެއްލިފާވާތީ، އަލުން ފަތް ލިޔެދެއްވުމަށް އެދުމުން؛ އެމަޖިލީހުގާ އެކަން ސާބިތުވެ އޮތުމުންނާއި، އަދި އެ ތުއްތު ދީދީ އެފައިސާ ހިފާ އެގޯތި ހަވާލުކޮށްފާވާ ކަމަށް، އިގްރާރުވުމުން، އޭނާ އެ މޫސާ އާއި ހަވާލުކޮށްފާވާ އެ މައިގޯތީގެ 4/3 ގެ މިން ބަޔާންކޮށް، އެގޯތި އިންވެ ދެކުނުންއޮތީ އެގޯތިން ރަންނާގޭ ތުއްތުދީދީ، ތުނބުޅި އަލިމަނިކުއާ ހަވާލުކޮށްފާވާ ގޯތީގެ އަނެއް 4/1ކަމާއި، އަދި ހުޅަނގުން އޮތީ ކޫ ކޮށި ކަމާއި، އުތުރުން އިންވެ އޮތީ ހަދީބީ މިސްކިތު ދެކުނުންއޮތް ބަންޑާރަ ގޯއްޗެއް ކަމާއި، އަދި އެގޯތި ވަނީ ރަންނާގެ ބޭފުޅުންގެ މައްޗަށް ވަގުފްވެފާ ކަމާއި، އަދި އެދަރިކޮޅު މީހަކު އެގޯތި ނަގަން ބޭނުން ނަމަ، އެ މޫސާގެ ދަރިންނަށް އެ ފައިސާ ނުދީ ނުނެގޭނެ ކަމާއި، މިކަންކަން މިގޮތަށް ނިޔާ ކުރެއްވުމުން؛ މޫސަލް މަހައްލީ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size:14.5" × 7.85") Chief Justices - Al Naaibu Hussain Salahuddin
K.Male' - Rin'budhoo - Deed for housing plot
(ތާރިހެއް، ރަދުންގެ ނަމެއް ނެތް... އަދި ރަދުންގެ ލަގަބުވެސް ވަނީ ބައިބައި ފޮހެވިފަ) އެރަދުންގެ ބޭއި(ހީވާގޮތުގާ ދެބެންގެދެދަރި) އަލްގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނު ޒިޔާރަތުގެ ބޯގަޔަށް، އަރިއަތޮޅު ހަންޏާމީދޫ ބަންޑާކިބައަށް(ބަންޑާރަޔަށް) ހުރި ބިންބިމާ، އެއަތޮޅު ދިއްދޫއާއި، މިލަދުންމަޑުލު(ނ.)މަނަދޫގާ އޮތް، ހަ(ނި)މާދޫ ދޮންއަހައްމަދު ކަލޭގެ ދަރިން އަތުން ބައްލަވައިގެންފާވާ، ބޮޑު ހިންނަ އާއި، ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، ހަންޏާމީދޫ، ދޮންއަލީ މުގުރި ކަލޭގެ ދަރިކޮޅަށް ލެއްވި ކަމާއި، މިކަންކަމަށް އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ ލިޔެފާވާ(ލިޔުމުގެ ފަހަތްކޮޅު ނެތުމުން،ލިޔުނު މީހެއް ނޭނގެ) ފަތުގެ ނަކަލެއް.(Size:9.9" × 6.65")
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް) ސުވަސްތިސިރީ މަތމަހާސިރީ ކުލަ ސުންދުރަ ސިއާކ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއްނެތް)ގެ ދަރުބާރަށް، އަލްގާޒީ އިބްރާހީމް ބޮޑު ކިލަގެފާނުންގެ ޒިޔާރަތުގެ ކިޔެވެނީން(ރަސްމީ ކިޔެވުންތައް ކިޔަވާން ދައުލަތުން ލައްވައިފައިވާ ޖަމާޢަތުގެ މީހުން) އައިސް، އެ ޒިޔާރަތުގެ ބޯގަ މަދުވެ، އެތަން ބަލަހަށްޓާ، މަރާމާތު ކުރެވޭވަރު ނުވާތީ، އެކަން ކުރެވޭފަދަ ކޮށްދެއްވުމަށް އެދުމުން، ބޮޑުކިލެގެފާނުގެ ވާރު(އަމިއްލަ މިލްކު)ން ބައްލަވައިގަތްފާވާ، ކޮޅުވަންދިންމަޑުލު(ކޮޅުމަޑުލު) ތ.ކަނޑޫދޫ ބޮޑުހިންނަ އާއި، އަރިދެއަތޮޅު(އަރިއަތޮޅު) އދ.އަރިއަދޫގެ އިރުން އޮތް އދ.ދިއްދޫ، އެ ޒިޔާރަތުގެ ބޯގަޔަށް ލައްވާ، އަދި އެދެތަން، އެނޫން އެހެން ކަމަކަށް، ބޭނުންކޮށްގެން ނުވަނެކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ކިޔުމުން، އަލީ މާފަތް ލިޔުނު ފަތުގެ ނަކަލެއް. (Size:8.85" × 7.8")
A.Hangnyaameedhoo - Kalaafaanu Miskiiy (Mosque) - Deed(Housing Plot)
1332ހ ޖުމާދިލްއައްވަލް 16(1914މ އޭޕްރިލް 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މާލެ މެދު ޒިޔާރަތް ދެމިއޮންނަނިވި ރަނގަޅު ގޮތުގާ ބެލެހެއްޓުމަށްޓަކާ، ކ.ގާފަރު އާއި އަދި ރާއަތޮޅު، ކޮންމެސް ރަށެއްގެ(ނަމެއް ނެތް) ގޮއިފާލައްބައާ، އެ ޒިޔާރަތަށް ނަދުރަށް ގެންނަހާ ތަކެއްޗެއް، އެޒިޔާރަތުގެ ބޯގަޔަށް ލައްވާ، އެއިރަކު ތަހުތުގާ އިންނެވި ރަސްކަލަކު އެޒިޔާރަތް ބަލަހަށްޓާ މީހަކު އިސްކުރަށްވަން ޖެހޭނެ ކަމާ، ކޮންމެ ހުކުރުހޯމަ ވިއްލޭރޭ، ޒިޔާރަތުގެ ދޮރޯށީގެ ދެ ބަނޑިޔާ ކޮޅާ، އެތެރެ ވޮއްކޮޅު އަދި ބޭރު ފާރު ވަށާ ހުރި 7 ލަންޓަނު ދިއްލާ، ކޮންމެ ފަސްހެއުރެއަކު، އެތެރެ 7 ފާނޫޒު އަދި ހުޅަނގު އުތުރުކޮޅުގާ ހުންނަ ބަނޑިޔާކޮޅު ދިއްލާ، ހެންވޭރު ބޮޑުހިތި، އަދި ކުޑަހިތި ވިލޭރޭ، ކުރީގާ ބުނެވި ކަންތައްތަކުގެ އިތުރުން، ބޭރުފާރުގާ 150 ލެންޓަން އާއި، ދޮރޯށީގާ 6 ބަނޑިޔާ ދިއްލާ، ހަނދުވަރު ނުދޭ ކޮންމެ ރެޔަކު ބޭރު އުތުރު ފާރުގެ ދެކަނުގާ ހުރި ދެ ލެންޓަނު ދިއްލާ، ކޮންމެ އަހަރަކު، ފާރުތަކުގާ ހުދުއުވަލާ، ކޮންމެ އަހަރުމަތިފުޅުދުވަހަކު، އަސުރު ނަމާދަށް ފަހު 10 މީހުން ލައްވާ ޒިޔާރަތް ކާރީގާ ގުރުއާން، އަދި އެރޭ، 40 މީހުން ލައްވާ ފާތިހާ، ކިޔަވާ، ކޮންމެ ހުކުރުހޯމަ ވިލޭރޭ، ޒިޔާރަތް ދޮށުގާ ޔާސީން ފާތިހާ ކިޔާ، ކޮންމެ ހުކުރު ދުވަހަކު، މުޅި ޒިޔާރަތް ސާފުކުރުމާ، ބައިތުލްމާލުން، ޒިޔާރަތުގެ ދިދަ އާއި ދަވާދު އަދި، ބާވެއްޖެ ކޮންމެ އެއްޗެއް އާކުރުމާއި، އަދި، ކުރަންވި ކޮންމެ މަރާމާތު ކުރަންޖެހޭނެ ކަމާއި، ގާފަރު މީހުން ކޮންމެ އަހަރަކު 2ކަނޑި އުވަޔާ، ދޮންވެލި، ޒިޔާރަތަށް ގެނެސް ދޭންޖެހޭނެ ކަމާއި، ގާފަރުގާ ފުރާތަދަތުރުއޮޑި އޮންނަންޖެހޭނެ ކަމާއި، މިއެންމެކަންކަން، ދާއިމަށް އޮންނަން ޖެހޭނެ ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.
K.Male' - Medhu Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)
(Size:19.05" × 12")
1326ހ ރަޖަބް 18{1908މ އޯގަސްޓް 16..(ލިޔުމުގާ އޮތީ19....އޮޅުމެއް)}ގާ، މަލިކު މީހުންގެ ވެރިޔަކަށް އިސްކޮށްފާވާ، ފަތްތިލަގޯތި އިބްރާހީމް ތަކުރު، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު އަބްދުލް ހަމީދު ދީދީ އަށް، އޭނާ ވިދާޅުވެފާ، އޭނާގެ ބައްޕައަށް(އިބްރާހީމް ދޮށިމޭނާ ކިލެގެފާނު) ފޮނުވުމަށް އެދި، ބޮޑުގަނޑުވަރު މަނިކުފާނާއި، ތިބި އެހެން ބޮޑުންނާއި، ނިޔަމިންނާއި އަދި އެންމެހާ ރައްޔިތުންނަށް މުހާތިބުކޮށް؛ މާލޭ ބޮޑުބަނޑޭރިގެއިން، އެމީހުންނަށް އަންގަވަން ކުރައްވާފާވާ އަމުރުތަކުގެ ސިޓީ، ރަޖަބް 15ވީ ބުރާސްފަތި ދުވަހު ލިބުމުން، 16ވީ ހުކުރުދުވަހު އެންމެން އެއްކޮށް އެސިޓީގާ ބުނެފާވާ: ސިޓީ ލިބުމަށްފަހު، ދިވެހިރާއްޖޭގެ ރަސްގެފާނާ އިދިކޮޅަށް އެރަށަށް ދިޔަ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އެހީތެރިކަމަކާ، އެއްބައިވަންތަކަމެއް ނުބަހަށްޓާ، ރަދުންނަށާއި ރަދުންގެ ބޮޑުންނާއި އެކުގާ ތިބިއްޔާ، ކުރީގާ އޮތްފަދައިން، މާލެ އައިސްގޮސް އުޅުވޭނޭ ކަމުގާ ވައުދު ކުރަށްވާފާ ވައުދު ގަބޫލުކޮށް އެކަމާ އެމީހުން އުފާވާ ކަމާއި، އެމީހުންނާއި އެމީހުންގެ ދަރިފަސްކޮޅުވެސް އެ ރަސްކަމުގެ ދަށުގާ ގެންގުޅުއްވާން އެދިދަންނަވާ، އަދި އެގޮތުގާ އޭރު އެތާގާ ތިބީ، އިސްދޫ މަނިކު ހާޖީ އާއި ވާދޫގޭ ޔޫސުބު ކަމާ، އޭގެފަހުން އެދެމީހުންނާ، އެއްވެސް ކަހަލަ ގުޅުމެއް އެހީތެރިކަމެއް، އެމީހުން ނުބާއްވާ ކަމާއި، އެކަމަކު އޭރުގާ، އެރަށުގެ ސަރުކާރުން އެމީހުންގެ ހަވަރުގެ ބާރު ދުއްވާލާފާވާތީވެ، މީހަކު ހިފާ ރަށުން ބޭރުކުރުން އެއީ ކުރެވޭނެކަމެއް ނޫންކަމާ، އެކަމަކު ސަރުކާރާ ގުޅައިގެން އެކަންބަލާ ކަމާ، އަދި އެ އަމުރުފުޅު ލިބުމުގެ ކުރީގާ، އެ މަނިކު ގެންގުޅުނު ބަނގަލާ ބޯޓު އެރަށުގާ އުޅޭ ސޯޅިޔާ ވިޔަފާރިވެރިއަކަށް ޗާޓަރަށް ދޫކުރުމުން، އޭނާ އެރަށުގެ ފަޅުވެރިން ލައިގެން އެބޯޓު ދުއްވަމުން ދާ ކަމާ، އެހެންވެ އެކަން ހުއްޓުވައިފިއްޔާ، އެމީހުން ކުއްވެރިވާނެކަމާއި، އެދެމީހުން އެރަށުގާ މުޅިއުމުރަށް ތިއްބަސް، އެއްވެސް ކަހަލަ އެހީއެއް، ރަހުމަތްތެރިކަމެއް، މަލިކު މީހުންގެ ފަރާތުން ނުލިބޭނެ ކަމާ، އަދި އެރަށުގެ އެންމެން، އެދެމީހުން ކައިރިޔަށް ގޮސް، އެމީހުން އެރަށުގާ ތިބެން ބޭނުމިއްޔާ ދިވެހި ސަރުކާރުން ސިޓީއެއް ގެނައުމަށާ، އެހެންނޫނީ އެރަށުގާ ނުތިބެވޭނެ ކަމުގެ އިންޒާރު ކުރިކަމާއި، އަދި އޭގެ ފަހުން، ދިވެހި ސަރުކާރުގެ ސިޓީއެއް ނެތިއްޔާ، އެއްވެސް ދިވެއްސަކަށް އެރަށަށް ނޭރޭނެ ކަމާ، އެމީހުންގެ ކިބައިން، އެއްވެސް ހިތްހަމަނުޖެހޭ ކަމެއް ވެފާވާނަމަ، އެކަން އަންގަވާ އެކަމާ އަޅާނެ ފިޔަވަޅެއްވެސް އެންގެވުމަށް އެދި، 14 މީހުންގެ ނަންޖަހާ، ނަމާދިމާލުގާ ސޮއިކޮށް، މަތީ ވައަތު ކަނުގާ....'މިއީ މަލިކުން އައި ސިޓީއެކެ- އެމީހުން މަޑުވެތިބިއްޔާ، އިހުއުޅުނު ފަދައިން ރާއްޖެ ގޮސްއުޅުން ދެބައިމީހުންނަށް ރަގަޅެވެ...1908މ/10/10'(1326ހ/9/14)ލިޔެ، އެ ސަފީރު، ސޮއިކޮށް ފޮނުވާފާވާ ސިޓީއެއް.
މި ކަރުދާސް(ސިޓީ)ގެ އަނެއްފަރާތުގާ ވެސް ލިޔެފާވެއެ... އެކަމަކު ފަހުގެ ކޮންމެސް އިރެއްގާ އެފަރާތުގާ ފަހަތް އަޅާފާވުމުން އެބައި ވަނީ (މިވަގުތަށް) ގެއްލިފައެ.
Minicoy - letter(Official)
(Size:13" x 16.4")
1142ހ(1730މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، އޭނާގެ ރަސްކަމުގެ 10ވަނަ އަހަރު، ހުވަދޫއަތޮޅު(ގދ.)ވާދޫ ގެ ހުކުރުމިސްކިތުގެ ތައުލީއަމޫލަ ވެރިކަން(ހަވާލުވެރިކަން) ލަށްވާފާވާ ދެކަނަބަލުންގެ ދަރިކޮޅު ތެރެއިން، ތުއްކަލާގެ ދަރިކޮޅު ނެތުމުން، ދޮންދަލިއާ ކަނބުލޯގެ ދަރިކޮޅުން ހުރި މުހައްމަދު، އެރަދުންގެ ދަރުބާރުގާ، އިހުގާ އެ މިސްކިތަށް ދެއްވާފާވާ ބޯގަފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެ މިސްކިތަށް، އެ އަތޮޅުގެ ކަނޑަހަލަގައްލާ އާއި، އޮއެނިގައްލާ؟؟ އާއި، ހަޑަދޫ؟؟(ހަނޑައިދޫ؟؟)އާއި، ވަޑަވައްރެހާ އާއި، ކުބުރާއި؟؟، އަދި، ވާދޫގެ ރުކުބޮލިން(ރުއްރުކުން ނަގާ ޓެކްސް؟؟) 2/1އާއި، 4ބަދި ރަލާއި، ވާދޫ ތުއްކަލާ އާއި ދޮންދަލި އާއި ދެބޭކަނބަލުންގެ މިލްކުގާވާހާ ދަނޑު، ރުއްގަސް، ކެއޮ، ފަލަމަޑި އާއި، ގޮއިއުރަ؟؟؟، އަޅުފެމުސްވެރިން(އަޅުން/ނޯކަރުން)ނަށް އޮންނަ ރަހުރާ(ރާވެރިން ރަލުން ދައްކާ ޓެކްސް)އާއި، އެ މިސްކިތު ހަރިމުން 10 ބަމައިގެ ބިމާއި، އަދިވެސް އެހެނިހެން ތަކެތި ވާދޫ ހުކުރު މިސްކިތު ބޯގައަށް ލަށްވާ، އެ ދެބެން؟؟؟(ތުއްކަލާ އާއި ދޮންދަލީ؟؟)ނަށް އޮންނަ، މަސްބަޔާ، ދަނޑިމަސް ވެސް އެ މިސްކިތަށް ލަށްވާ، އަދި އެ މިސްކިތުގެ ތައުލީއަމޫލަ ވެރިކަން، އެ ދޮންދަލިއާ ކަނބުލޯގެ ދަރިކޮޅަށް ލަށްވާ، މި އެންމެހާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށި އަހުމަދު ލިޔުނު ދިވެސްއަކުރު ފަތުގެ، 8 ޒުލްހައްޖު؟؟ 1325ހ(1908މ ޖަނަވަރީ 12)ގާ ކޮށްފާވާ ތާނަ ތަރުޖަމާ.
G.DH.Vaadhoo -Endowment for Shrine (ziyaaraiy
(Size:14.15" x 13.1")
1318ހ ޒުލގައިދު 18(1901މ މާޗް 9)ގާ، މާންދޫގޭ ތުއްތު މަނިއްޕުޅު، ބާޒާރުގާ ހުންނަ، ބަނޑަހަ(ވިޔަފާރިކުރާން ވަގުތީ ގޮތުން ހަދައިފައި ހުންނަ ތަންތަން)ތަކުގާ އުޅޭ ބުންބާ އަދި ސޯޅިޔާ(ޝްރީލަންކާގެ މުސްލިމުން)މީހުން، ބަނޑޭރިގެޔަށް ގެންނަވާ، އެމީހުން ކައިރީގާ، ދޮށިމޭނާކިލެގެފާނުންގެ ގެދޮރަކަށް ވަދެ، މުދަލެއް ފޭރި، އެކިލެގެފާނުންގެ ބޭފުޅަކަށް އުނދަގޫކޮށް، އޭނާގެ އެއްވެސް މިލްކެއް އަތުލައިގަނެ، އަރައިގަނެ ނުވަތަ އެފަދަ އެއްވެސް ކަމެއް، އެމަނިއްޕުޅު ކުރެއްވިކަން، އެއިން އެއްވެސް މީހަކު ދެނެތިބިއްޔާ ދެނެތިބިކަމުގާ، ނުދެނެތިބިއްޔާ، ނުދެނެތިބިކަމުގާ ބުނެ ސޮއިކުރުމަށް އަމުރުކުރެއްވިކަން ބަޔާންކޮށް، އަދި އެމީހުން އެކަހަލަ އެއްވެސް ކަމެއް ނުދެނެތިބީމޭ ބުނެ، އަލީ ބަހީ އީސާ؟؟ޖީ ބަނޑަހަލުން، ޖީވަންޖީ ބަނޑަހަލުން، މޫސާ ބަހީ މުހައްމަދު އަލީ ބަނޑަހަލުން، ޔޫސުފް ބަހީ ތޮއްޔިބު ބަހީ ބަނޑަހަލުން، ކާދީ ބަހީ ތާޖް ބަހީ ފިހާރައިން، އދވސ، އެތައް ބަނޑަހަލަކާއި ފިހާރައަކުން، 42 މީހެއްގެ ނަން ލިސްޓުކޮށް، 4 މީހުންގެ ނޫން އެހެން އެންމެގެ ނަމާއި ދިމާލުގާ ސޮއިކޮށްފާވާ ލިޔުމެއް.
K.Male' -Order
(Size:16.3" x 13.01")
1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރުނުދައްކާމީހާ އަތުންނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ވާނީގާ ވާރު ދޭން ޖެހެނީ، ޖުމްލަ ތލ(54)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވަރާއި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކިއެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ، ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްވެހިކަން ބަދުލުވުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ލިޔެފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
Dh.Vaanee -Tax
(Size:22" x 14.95")
1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު، ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރުނުދައްކާމީހާ އަތުންނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމަނާ، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ކުޑަހުވަދޫގާ ވާރު ދޭން ޖެހެނީ، ޖުމްލަ ޑމމ(119)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވާރު އާއި އަދި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކި އެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެ އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ، ވާރުގެ، މިފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްރަށުން ހިޖްރަކުރުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ލިޔެފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
(Size:22.1" x 15")
Dh.Kudahuvadhoo - Tax