1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރުނުދައްކާމީހާ އަތުންނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ވާނީގާ ވާރު ދޭން ޖެހެނީ، ޖުމްލަ ތލ(54)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވަރާއި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކިއެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ، ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްވެހިކަން ބަދުލުވުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ލިޔެފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
Dh.Vaanee -Tax
(Size:22" x 14.95")
1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 7ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި ރައްޔިތުން، އެރަށުގެ މާމިސްކިތް މައްޗަށް އިހުގެ ރަސްރަސްކަލުން ދެއްވަވާފާވާ ފަތްކޮޅުތައް، އެރަށް އަނދައިގެން ދިޔައިރު، ނެތިދިއުމުން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ދެއްވި ފަތްކޮޅު ބާވެގެން އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވާގޮތަށް؛ އެ މާމިސްކިތާ އެމިސްކިތުގެ ހަރިންމަ(މިސްކިތާއި ޒިޔާރަތްފަދަ ތަންތަނަށްޓަކައި އެތަންތާނގެ ވަށައިގެން ދޫކޮށްފައި އޮންނަބިން) ސާފުކޮށް، މަރާމާތުކޮށް، އެތާގެ އެންމެހާ ކަންކަމެއް ބެލެހެއްޓުމުގެ ބޯގަޔަކަށް، ހުވަދޫއަތޮޅު(ގއ.) މާނާގަލަ ލަށްވާ، އަދި އެ މިސްކިތުގެ މުދިމަކަށް ވާރުކޮޑި(ވާރު ދޭން ނުޖެހުން؟؟)ލަށްވާ، އެބޯގަ ހަވާލުވެރިކަން، އެރަށު އެންމެންނަށް ލަށްވާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެ ރަދުންގެ ކައްތިރި މުދި(ސިއްކަ) ޖަހާ، މާލެ ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާ ގެދަރި ހުސެއިން ލިޔުނު ފަތެއް.
G.A.Villin'gili - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size:19" x 11.95)
1326ހ މުހައްރަމް 24(1908މ ފެބްރުވަރީ 27)ގާ، މަތީގާ، 'ޔޫސުފް ބަހީގެ ކުޑަ ބޯޓުން' މިހެން ޖަހާ، ދިވެހި އެންބަސީގެ 'ލެޓާހެޑް'ގާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީގ، ބޮޑުބަނޑޭރިގެޔަށް؛ ޒުލގައިދު 25 އަދި 29ގާ ފޮނުއްވި ސިޓީ އާއި -/1000 ރުފިޔަ ލިބުނުކަން އަދި ފޮނުވަން އެންގި އެއްޗެތި ވީއެންމެ އަވަހަކަށް ފޮނުވޭތޯ ބަލާނެކަމާ، ސްޓޭންޕް ހެއްދުމަށް /-2500ރުފިޔާގެ އެޑްވާންސެއް ބޭނުންވާތީ، އީ.ޖީ އާދަމް އަލީ ކުންފުނިން އެކަމަށް އެދި، އެކަމަކު ލިބޭނެހެން ހީނުވާކަމާ، ކަންތައް ލަސްވަނީ ފައިސާގެ ދަތިކަމުން ކަމުގާ ބުނެ އެކަން ރަންގަޅުކުރަން އެދި، އަދި ރާއްޖެޔަށް ހަނޑުލުގެ ދަތިކަން ލިބިދާނެކަމުގާ ފެންނަކަމާ، އީ.ޖީގެ ސަވައިދީނުވެސް އެހެން ރަށަކަށް ދިޔުމުން، އެމީހުންގެވެސް މިހާރުއޮތީ އެއްބޯޓު ކަމާ، އަބްދުލް ހައިނީ ޝެއިހު ޖީވަންޖީގެވެސް، މިހާރު އޮންނަނީ، ދުވާ އެއް ބޯޓުކަމާ، އޭނާ އެކިއެކި ސޭޓުން ކައިރީ، ވަކިވަކިން ހަނޑޫ ފޮނުވޭނޭގޮތް ވޭތޯ ބަލާކަމުގާ ބުނެ، އެސަފީރު ސޮއިކޮށް، އަދި އަރިމަތީގާ ވަކިން އީ.ޖީ އާދަމް އަލީ އަތުން ރުފިޔާ ނުލިބުނުވާހަކަ ލިޔެ، އެތާވެސް ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. (Size: 11.05" x 8.3")
Sri Lanka - Maldivian Embassy - letter(Official)
1326ހ ސަފަރު 25(1908މ މާޗް 28)ގާ،ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގެއަށް؛ 'ދޭލާއިން – ކަރީމްޖީގެ –'، މަތީގާ ޖަހާ، މޫސާ ބަހީގެ 'ހައިދަރީ'އިން އަދި ތޮއްޔިބު އަލީމެންގެ 'ގަރުދަންކަޕާ' އިން ފޮނުވި 2 ސިޓީއާއި، ވެޔޮދޮށުގޭ އިބްރާހީމް މަނިކުގެ އަތުގާ ފޮނުވި -/3099 ރުފިޔާ ލިބުނު ކަމާ، ފަޅުކޮންނަ ބޯޓު ހަދާން މާލެ ދިޔަ ތިންމީހުން އައިކަމާ، ސަރުކާރުގެ 6 ބަކަރި ހައިދަރީން ފޮނުވާނެ ކަމާ އަދިވެސް އެހެނިހެން ކަންކަމުގެ ވާހަކަ ލިޔެ، އެ ސަފީރު ސޮއިކޮށް؛ ފޮނުވާފާވާ ސިޓީއެއް.(Size: 8.45" x 5.65")
Sri Lanka - Maldivian Embassy - letter(Official)
1213ހ ރަބީލްއައްވަލް(1798މ އޯގަސްޓް)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ނައިބުބޭކަލުންގެ ޝަރީއަތު މަޖިލީހަށް، ދާނާ އިބްރާހީމް ކަލޭފާނުން؛ ދެބޭރަނީ ޒިޔާރަތުގެ ދެކުނުންއޮތް، ދިގުމިނުގާ 42، ފުޅާ މިނުގާ 41 ރިޔަން ހުރި، މާވަންކަޑަގެއޭ ކިޔާ ގޯތި، ދިޔަދޫ ދޮންމަނިކުގެ އަތުން 60ކޮއްޓޭ އަށް ގަނެ، އެޝަރީއްޔަތު މަޖިލީހުގާ، 2 ހެކިންގެ ހާޒިރުގާ، އެ އަގުދީ ހަލާސްކޮށްފި ކަމާ، އަދި ގޯތި ގަނެފާވަނީ، ގޯތީގެ ވެރި އެހެން މީހުންގެ ވެސް އިޒްނަޔާ ލައިގެން ކަމުގާ ބުނެ، އެތަނަށް ފަތެއް ދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ސާބިތުވުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. ފަތެއް.
K.Male' - Maavankadage (Housing Plot) - letter(Housing Plot)
(Size: 7.85" x 6.3")
1900މ ޑިސެންބަރު 30(1318ހ ރަމްލޯނު 8)ގާ، ސިލޯނުގެ 12 ފަރާތެއް ސޮއިކޮށް، އެމީހުންގެ އަމިއްލަ ނަމުގަޔާ، ސިލޯނު(ޝްރީލަންކާ)ގެ ހުރިހާ މުސްލިމުންގެ ނަމުގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުއަށް ސިލޯނަށް ވަޑައިގަތުމަށް މަރުހަބާ ކިޔާ، އަދި އެރަދުން އެއީ، ޝްރީލަންކާޔަށް ވަޑައިގެން އެންމެ ފުރަތަމަ ދިވެހި ވެރިޔާ ކަމުގާ ވުމުން އެކަމަށް ތަހުނިޔާ ދަންނަވާ، އެކިއެކި ތައުރީފްކޮށް، ފަށުވި އިބާރާތުން ލިޔެ، ފަހަތާއި ކާރި، އަޅާ، ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.
Sri Lanka - Mosque - Writing(Commemoration)
(Size: 17.65" x 11.3")
(ތާރީހެއް އިނގޭކަށް ނެތް)،'އަލް ހަތީބު އަލް ގާޒީ މުހައްމަދު'، 15ވަނަ ފޮޅުވަތުގާ އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
މިފަތުގެ ނުފުށުގާ:
'ރ.މަޑުއްވަރި، ހޮނުށްފުށި،(އަ..ދިޔަ ހަދޭގިރިންގެ ވަގުފް)' އަދި، ވަޒީރުލް އައުޒަމް އޮފީހުގެ ސިޓީއަކާ އެކު، 24/9/79ހ(1960މ މާޗް 22)ގާ މިފަތް، މާލިއްޔާއަށް ފޮނުވި ކަމުގާ ލިޔެފާވެއެ.
(Size:16.85" x 13.2")
R.Maduvvari - Endowment (of Han'dheygiri Vizier)
(ތާރީހެއް އިނގޭކަށް ނެތް)،'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިނަން 2ވަނަ ފޮޅުވަތުގާ އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.(Size: 17.9" x 10.15")
Sem título1346ހ ޖުމާދިލްއައްވަލް 12(1927މ ނޮވެންބަރު 7)ގާ، މޫސަލް މަހައްލީ ގެދަރި ނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތު މަޖިލީހަށް، ހިކަނދި އާދަމް މަނިކު ގެދަރި ރިނބުދޫގޭ ތުއްތު މަނިކެ ހާޒިރުވެ، އޭނާގެ ކުދިންގެ ބައްޕަ، ކުޅުދުފުށި މާވަޑި އިބްރާހީމް މޫސާ އަތުން، ދައްޕަރު މޫސާ ކަލޭފާނު ގެދަރި ތުއްތު ދީދީ، -/360 ރުފިޔާ ހިފާ އެ މޫސާއާއި ހަވާލުކޮށްފާވާ، އެ ތުއްތީދީގެ މަންމަ، ރަންނާގޭ ދޮންދީދީ އަށް ވަގުފްކޮށްފާވާ ފަތާއި، އެ މޫސާގެ މަށްޗައް އެގޯތި ހަވާލުކުރިކަމަށް ލިޔެ، އޭނާޔަށް ދިން ކަރުދާހާ، މި ހުރިހާ ލިޔުމެއް، އެ މޫސާ މަރުވުމަށް ފަހު ނުފެނި، ގެއްލިފާވާތީ، އަލުން ފަތް ލިޔެދެއްވުމަށް އެދުމުން؛ އެމަޖިލީހުގާ އެކަން ސާބިތުވެ އޮތުމުންނާއި، އަދި އެ ތުއްތު ދީދީ އެފައިސާ ހިފާ އެގޯތި ހަވާލުކޮށްފާވާ ކަމަށް، އިގްރާރުވުމުން، އޭނާ އެ މޫސާ އާއި ހަވާލުކޮށްފާވާ އެ މައިގޯތީގެ 4/3 ގެ މިން ބަޔާންކޮށް، އެގޯތި އިންވެ ދެކުނުންއޮތީ އެގޯތިން ރަންނާގޭ ތުއްތުދީދީ، ތުނބުޅި އަލިމަނިކުއާ ހަވާލުކޮށްފާވާ ގޯތީގެ އަނެއް 4/1ކަމާއި، އަދި ހުޅަނގުން އޮތީ ކޫ ކޮށި ކަމާއި، އުތުރުން އިންވެ އޮތީ ހަދީބީ މިސްކިތު ދެކުނުންއޮތް ބަންޑާރަ ގޯއްޗެއް ކަމާއި، އަދި އެގޯތި ވަނީ ރަންނާގެ ބޭފުޅުންގެ މައްޗަށް ވަގުފްވެފާ ކަމާއި، އަދި އެދަރިކޮޅު މީހަކު އެގޯތި ނަގަން ބޭނުން ނަމަ، އެ މޫސާގެ ދަރިންނަށް އެ ފައިސާ ނުދީ ނުނެގޭނެ ކަމާއި، މިކަންކަން މިގޮތަށް ނިޔާ ކުރެއްވުމުން؛ މޫސަލް މަހައްލީ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size:14.5" × 7.85") Chief Justices - Al Naaibu Hussain Salahuddin
K.Male' - Rin'budhoo - Deed for housing plot
1326ހ މުހައްރަމް 15(1908މ ފެބްރުވަރީ 18)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު،{1170ހ(1757މ)ގާ} މަލަބާރީން މާލެ އަރާ، އޭރު ހުންނެވި ރަސްގެފާނުގެންދިޔުމުން، އެރަދުން ސަލާމަތް ކުރުމަށްޓަކާ، ޝަމްސުއްދީނު ރަދުންގެ ކާބަފައިންގެ ތެރެއިން، މި ރާއްޖޭގާ އެންމެ ކުރީ ރަސްކަން ކުރެއްވި، އަލްވަޒީރު ދަހަރަދަލް ހުރަވީ ގެދަރި އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނު ގެދަރި އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ނުކުމެވަޑައިގަތް ރޭ، ރާއްޖޭގެ ސަލާމަތަށް އެދި ވިދާޅުވި ނަދުރު ފުއްދަވާ (ކ.)ހުރާގާ މިސްކިތެއް އެޅުއްވި ކަމާއި އެތަނަށް ލެއްވި ބޯގަޔާ، މިކަންކަން ބަޔާންކޮށް، އެރަދުން ލިޔުއްވި 3 ލޯމާފާނު(ލޯފަތް)، ގެއްލި، ޝަމްސުއްދީނު ރަދުންގެ ޒަމާނަށް އައިއިރު، އެ ނަދުރުގެ އަދި އެ ފަތްކޮޅުގެ ވާހަކައެއްވެސް އިނގޭ މީހަކު ނެތިއޮއްވާ، އެރަސްކަމުގެ 15ވަނަ އަހަރު އެރަސްކަން ނިމުމަކަށް އައި ހައްޖު މަހު، (ކ.)ހުރާ މިސްކިތުން އެ 3ފަތް ފެނިގެން، އެ ރަދުންނަށް ގެނެސްދިން ކަމާއި، އެ 3 ފަތުގެ ތަފްސީލް ބަޔާންކުރައްވާ، އަދި އެތިން ފަތް ނަކަލުކޮށް، ހުރާ މީހުންނަށް ދިނުމަށާ، އަދި ހުރާ މީހުންނަށް އެބޯގައިގެ އެއްވެސް މަންފާއެއް ނުލިބި އެތައް ޒަމާނެއްވެ، އެމިސްކިތް ބެލެހެއްޓޭނެ ފަދައެއް ނެތި، އެތަން ވީރާނާވެފާވާތީ، ބައިތުލްމާލުން އެމިސްކިތް ހެދުމަށް ކަނޑައަޅުއްވި ކަމާއި، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިއެދެއްވި ފަތެއް.
މީގާ ބުނެފާވާ، އެ 3 ފަތުގެ ނަކަލް، F0-46ގާ އެވަނީއެ.
(Size:20.75" × 12.45")
K.Huraa - Hassan Izzuddin Mosque - Endowment for Shrine (ziyaaraiy)